އޭއެފްސީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ތަޖިކިސްތާނުގައި މިއަދު ކުޅުނު ކޮލިފައިންގެ ފުރަތަަމަ މެޗުގައި އޮމާންއާ ބައްދަލުކޮށް ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 8-0ގެ ނަތީޖާއަކުންނެވެ.
މެޗު ބޮޑަށް ކޮންޓްރޯލު ކޮށްގެން ކުޅެފައިވަނީ އޮމާނެވެ. އޮމާނުން ވަރުގަދަ ކުޅުމެއް ދައްކާފައިވާއިރު ދިވެހި ޓީމަށް ކުޅުމަށް މާބޮޑު ފުރުސަތެއް އެ ޓީމުން ދީފައެއް ނުވެއެވެ.
އޭއެފްސީ 16 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ދެން ބައްދަލުކުރާނީ ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް ކުޅޭ ގައުމު ކަމަށްވާ ތަޖިކިސްތާނާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ.
އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޓީމަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)އެވެ. އޭނާއަކީ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ބީޖީ ސްޕޯޓްސް ކްލަބަށް ގިނަ ދުވަސްތަކެއް ވަންދެން އިރުޝާދުދިން ކޯޗެކެވެ.
ކޮލިފައިންގައި ރާއްޖޭގެ ޓީމު ހިމެނެނީ 'ގްރޫޕް ބީ'ގައެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އަދި ތުރުކުމެނިސްތާނެވެ.
ރާއްޖޭގެ 16 އަހަރުންދަށުގެ ޓީމު ވަނީ މިއަހަރު ނޭޕާލްގައި ބޭއްވި 15 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 9-0 ލަނޑުގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ނޭޕާލް އަތުން ބަލިވީ 6-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މުބާރާތުގައި ރާއްޖޭގެ ގްރޫޕްގައި ހިމެނުނު އިންޑިއާއާއި ނޭޕާލް ވަނީ ފައިނަލުގައި ވާދަކޮށްފައެވެ. އެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ.