ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެސްޓީއޯ ގްރޫޕުން ފައިސާ އެއްކުރަނީ

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް އެސްޓީއޯ ގްރޫޕުން ފަންޑްރައިޒިން ޕްރޮގްރާމެއް ފެށިކަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތައް ގުޅިގެން ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑްރައިޒިން ޕްރޮގްރާމެއް ފަށައިފި އެވެ.

އެސްޓީއޯ މައި އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑީރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ، މިއަދު އެސްޓީއޯ ގްރޫޕުން ހުޅުވާލި ފަންޑު ފޮށްޓަށް، މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެސްޓީއޯ އިން މިއަދު ފެށި ފައިސާ އެއްކުރުމުގެ ޕްރޮގްރާމަކީ، ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން އިސްނަގައިގެން ކުރާ މަސައްކަތުގައި އެސްޓީއޯ އާއި އެސްޓީއޯ ގްރޫޕުން ބައިވެރިވުމަށް ފެށި މަސައްކަތެއް ކަމަށެވެ.

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް، އެސްޓީއޯ ގްރޫޕްގެ ހުރިހާ ކުންފުނިތަކުންނާއި އެ ކުންފުނިތަކުގެ މުވައްޒަފުން ވެސް އެދިއެދި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ޓަކައި ދިވެހި ސަރުކާރުން ވަނީ، ދުނިޔޭގެ އިސްލާމީ ބޮޑެތި ގައުމުތަކުން މި މަސައްކަތް ފެށުމުގެ ކުރީން، މިކަންތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައި،" އެސްޓީއޯގެ އެމްޑީ ވިދާޅުވި އެވެ.

"އެގޮތުން ރާއްޖޭ ސަރުކާރުން މިހާ މުހިއްމު ކަމެއް ދީގެން މިހާ ކުޑަ ގައުމަކުން މިހާ ފުރިހަމައަށް މިކަން ކުރިއަށް ގެންދާތީ އެސްޓީއޯ ގްރޫޕްގެ ނަމުގައި ދިވެހި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދަންނަވަން."

އޭނާ ވިދާޅުވީ، ރާއްޖޭގެ ގައުމީ މަސައްކަތެއްގެ ގޮތުގައި މިގޮތަށް ކުރެވޭ ކަމެއްގައި ވެސް އެސްޓީއޯ އާއި އެސްޓީއޯގެ ގްރޫޕް އަބަދު ވެސް ބައިވެރިވާނެ ކަމަށެވެ.

"އެސްޓީއޯ ގްރޫޕްގެ ކުންފުނިތަކުން ނިންމާފައި ވަނީ ހުރިހާ މުވައްޒަފުންގެ އެއްދުވަހުގެ ބޭސިކް ސެލަރީ މި ފަންޑަށް ހަދިޔާކުރުމަށް. އަދި މީގެ އިތުރުން އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުން އިތުރަށް މި ފަންޑަށް ފައިސާ ހަދިޔާކުރާން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް މިއަދު ހުޅުވާލަން،" ޝަހީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެސްޓީއޯ އިން މިއަދު ހުޅިވި ފަންޑްރައިޒިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު، އެ ކުންފުނީގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެސްޓީއޯ އިން އެދެން އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންވެސް މި ފަންޑަށް އެހީވުމަށްޓަކައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުމަށް،" ޝަހީރު ވިދާޅުވި އެވެ.

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް އެސްޓީއޯ ގްރޫޕުން ފައިސާ އެއްކުރުމުގެ ހަރަކާތެއް ފެށިކަން އިއުލާނުކުރުމަށް ބޭއްވި ބައްދަލުވުމުގައި އެ ގްރޫޕުގެ އިސްވެރީން ބައިވެރިވެ ވަޑައިގަތެވެ. އޭގެ ތެރޭގައި އެލައިޑް އިންޝުއަރަންސް، ފިއުލްސަޕްލައި މޯލްޑިވްސް، މޯލްޑިވްގޭސް އަދި މިފްކޯ ހިމެނެ އެވެ.

comment ކޮމެންޓް