މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ތަކެތީގެ އަގު ވަނީ އުފުލިފައި: އެމްއެމްއޭ

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ތަރުކާރީގެ ބާވަތްތަކުގެ އަގު 17.4އަށް ވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މި އަހަރު ދެވަނަ ކުއާޓަރުގައި 0.3 ޕަސެންޓުގައި ހުރި އިންފްލޭޝަން، ތިންވަނަ ކުއާޓަރުގައި 1.3 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭގެ އިކޮނޮމިކް ކުއާޓާލީ ބުލެޓިންގައި ފާހަގަކޮށްފައިވާ ގޮތުގައި ތިންވަނަ ކުއާޓަރުގައި އިންފްލޭޝަން އެއް ޕަސެންޓު އިތުރުވެފައިވަނީ ހަކަތައާ ގުޅުންހުރި ތަކެތީގެ އަގުތަކަށް ބަދަލު އައިސްފައިވުމުންނެވެ.

ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑަށް އަގުފުލުނީ، ހަކަތައިގެ ދާއިރާގެ އިތުރުން، ސިއްހީ ޚިދުމަތާއި، ކާބޯތަކެތީގެ އަގުތަކެވެ.

ހަކަތައިގެ ދާއިރާއިން މި އަހަރުގެ ތިންވަނަ ކުއާޓަރުގައިވަނީ އަގުތައް 3.3 ޕަސެންޓަށް އިތުރުވެފައެވެ. އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދާއިރާގެ އަގުތައް 9.6 ޕަސެންޓު ދަށަށް ދިޔައެވެ. ތިންވަނަ ކުއާޓަރުގައި މި ދާއިރާގެ އަގުތައް އުފުލުނު ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ ކަރަންޓު ޚަރަދު 4.7 ޕަސެންޓަށް އިތުރުވުމެވެ. އެހެން ނަމަވެސް ޕެޓްރޯލުގެ އަގު ދަށްވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކާބޯތަކެތީގެ ތެރެއިން މަހުގެ ބާވަތްތަކުގެ އަގު 10.4 ޕަސެންޓަށް އުފުލުނުއިރު، ތަރުކާރީގެ ބާވަތްތަކުގެ އަގު 17.4 އިންސައްތައަށް އުފުލިފައިވެއެވެ. އެއީ ތިންވަނަ ކުއާޓަރުގައި ލުނބޯ، ފިޔާ އަދި މިރުހުގެ ސަޕްލައިގައި ދިމާވީ ތާށިކަމުގެ ސަބަބުން ކަމަށް އެމްއެމްއޭއިންވަނީ ފާހަގަކޮށްފައެވެ.

ސިއްޙީ ޚިދުމަތުގެ އަގު ބޮޑުވެފައިވާ ކަމަށް އެމްއެމްއޭއިން ފާހަގަކުރަނީ، އައުޓްޕޭޝަންޓު ފަރުވާއަށް ހައްދާ އެޕޮއިންޓުގެ އަގުތައް ބޮޑުވުމެވެ.

އެމްއެމްއޭއިން ލަފާކޮށްފައިވާ ގޮތުގައި ސަބްސިޑީ ރިފޯމް ތަންފީޒު ކުރަން ފެށުމާއެކު، 2025ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ތަކެތީގެ އަގު 5.2 ޕަސެންޓު ބޮޑު ވެގެންދާނެއެވެ. އަދި އަހަރުގެ ފަހު ދެ ކުއާޓަރުގައި އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 4.7 ޕަސެންޓުގައެވެ.

ސަބްސިޑީ ރިފޯމުގެ ތެރޭގައި ހިމެނެނީ، ކާބޯތަކެއްޗާއި ކަރަންޓަށް ފޯރުކޮށްދޭ ސަބްސިޑީ އުނިކޮށް، މިހާރު އޮތް ނިޒާމުގެ ބަދަލުގައި، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް