އަލިފާނުގެ ހާދިސާއެއްގައި ދުވަސްވީ މީހެއްގެ ގައިގެ 70 ޕަސެންޓް ފިހިއްޖެ

ދޮންނަ މެޝިނުގައި ރޯވެ މއ. ފެސިނޭޝަން ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ --- ސަންފޮޓޯ

މައްޗަންގޮޅި ފެސިނޭޝަން ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުވަސްވީ އަންހެނެއްގެ 70 ޕަސެންޓް ފިހި އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާދޭން ފަށައިފި އެވެ.

ފެސިނޭޝަން ގޭގައި ދޮންނަ މެޝިނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގިކަން އެމްއެންޑީއެފް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމު 'ސަން' އަށް ވިދާޅުވީ މިރޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު މީހަކަށް އެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެމީހާގެ އުމުރެއް އަދި ސާފެއް ނުވެ އެވެ. މައުސޫމު ވިދާޅުވީ އެ އަންހެން މީހާގެ ހާލު ސީރިއަށް ކަމަށެވެ. އަދި ހަށިގަނޑުން 70 ޕަސެންޓް ފިހިފައިވާ ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ މައުސޫމު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ފެސިނޭޝަން ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިރޭ 8:00 އެހައިކަންހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔައެންޑް ރެސްކިއުގެ ޓީމު އެގެއަށް ދިޔައިރު އަލިފާން ނިވާލާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ދޮންނަ މެޝިނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ސާފެއްނުވެ އެވެ.

comment ކޮމެންޓް