ހިޔާ ފުލެޓްގައި ރޯވެ، އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ހިޔާ ފްލެޓުގައި އަލިފާން ރޯވި ގެ: އެ ގޭގެ ކޮޓަރިއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި -- ފޮޓޯ/ އެންޑީއެމްއޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި, އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޯތޯރިޓީ (އެންޑީއެމްއޭ)އިން ބުނި ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ 11 ޓަވަރުގެ 11 ވަނަ ފަންގިފިލާގައި ހުރި ފުލެޓެއްގައެވެ. އެ އޯތޯރިޓީން ބުނި ގޮތުގައި އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު 15:47ގައެވެ.

އެމްއެންޑީއެފުން "ސަން"އަށް ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ފަންކާގައި ރޯވެ، އެ އަލިފާންގަނޑު ކޮޓަރީގައި އޮތް ގޮދަޑިއަކަށް ފެތުރުމުންނެވެ.

ހިޔާ ފްލެޓުގައި އަލިފާން ރޯވި ގެ: އެ ގޭގެ ކޮޓަރިއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި -- ފޮޓޯ/ އެންޑީއެމްއޭ

އެމްއެންޑީއެފުން ބުނީ ރިޕޯޓް ލިބިގެން އެތަނަށް ދިޔައިރު އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާއާ ގުޅިގެން ހަތް މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ ހަތަރު މީހަކާއި ތިން ކުޑަކުދިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމީހުނަށް ތިން ދުވަހުގެ ހުރުމާއި ކެއުން ހަމަޖައްސައިދިފައިވާ ކަމަށް އެމްއެންޑީއެމްއިން ފާހަގަކުރިއެވެ.

މީގެ އިތުރުން ގެއްލުން ލިބުނު އެޕާޓްމެންޓްގެ އެސެސްމެންޓް ހެދުމަށްފަހު އިތުރު އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

comment ކޮމެންޓް