އަލިފާނުގެ ހާދިސާއާ ގުޅިގެން ކެނެރީމަގު ބަންދުކޮށްފި

އަލިފާނުގެ ހާދިސާ ހިނގި ގެ ހުންނަ ގޯޅި ތެރޭގައި އެފްއާރުއެސް ހަރަކާތްތެރިވަނީ: ރޯވެފައި ވަނީ ކެނެރީ މަގުގައި ހުންނަ ރަބީއުވިލާ ގޭގައި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މާލޭގެ ކެނެރީ މަގުގައި ހުންނަ މ. ރަބީއުވިލާގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މަގު ބަންދުކޮށްފިއެވެ.

ފުލުހުން "ސަން"އަށް ބުނީ، އެ ހާދިސާގައި ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، ކެނެރީމަގު އާންމު ދަތުރުފަތުރަށާއި، އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުންވެސް އެ މަގުގައި ހިނގާ ބިނގާވެ އުޅޭއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ދަންނަވަން،" ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މި މިރޭ 20:19 ހާއިރު ކަމަށެވެ.

އެ ރިޕޯޓު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސްއިން ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއެވެ.

އެ ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ގޭގައި އަލިފާންގަނޑު ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު ފެނެއެވެ.

އެމްއެންޑީއެފުން ބުނީ އެ އަލިފާންގަނޑު ކޮންޓްރޯލް ކުރީ މިރޭ 21:12 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށް ސިފައިން ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ގެއަކީ މީހުން ދިރިނޫޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ގެޔެކެވެ.

comment ކޮމެންޓް