ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގައި މެޗެއް ނުނިމެނީސް ހުއްޓުމަކަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިންމާލީ ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހިގެން ގްރީނުން މެޗު ކުރިއަށްގެންދަން ބޭނުން ނުވުމުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ފުޓްބޯޅައިގެ ފަހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗު ނިންމާލަން ޖެހިއްޖެއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ކުޅުނު މެޗު ނިމުމަކަށް ދިޔައީ މެޗުގެ ދެ ވަނަ ހާފުގައި ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ގްރީނުން މެޗު ކުރިއަށްގެންދަން ބޭނުންނުވުމުންނެވެ.

މިއީ ދިވެހި ލީގު، 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން ވެސް މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ. އަދި މިއީ ފަހުގެ ތާރީހުގައި ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތެއްގެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް، މެޗެއްގެ ކުޅުން ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ފަހުގެ ތާރީހުގައި މިނިވަން ޗެމްޕިއަންޝިޕް އަދި ވެޓެރަންސް ކަޕްގައި މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހިފައިވެ އެވެ.

ގްރީންގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރަން ފެށީ މެޗުގެ 53 ވަނަ މިނެޓުގައި ގްރީންގެ ސުބޮލް އިލިއާއަށް ދެއްކި ދެ ވަނަ ރީނދޫ ކާޑާއެކުއެވެ. އޭރު 1-0 ލަނޑުގެ ނަތީޖާއަކުން ކުރީގައި އޮތީ މާޒިޔާއެވެ. މެޗުގެ 23 ވަނަ މިނެޓުގައި މާޒިޔާގެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރުއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިންމާލީ ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހިގެން ގްރީނުން މެޗު ކުރިއަށްގެންދަން ބޭނުން ނުވުމުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިލިއާއަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކި ހިސާބުން ގްރީންގެ ކުޅުންތެރިން ވަނީ ރެފްރީއާ ދިމާލަށް ގޮސް، ނުރުހުން ފާޅުކުރަން ފަށައިފަ އެވެ. އެ ވަގުތު ރެފްރީ ވެސް ދިޔައީ ފަހަތަށް ޖެހި، ރެފްރީންގެ މޭޒާ ދިމާލަށް ގޮސްފައެވެ. އެ ހިސާބުން ރެފްރީންގެ ހިމާޔަތުގައި ތިބީ ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ފުލުހުންނެވެ.

ރެފްރީއާ ދިމާލަށް އިލިއާ ހުތުރު ބަހެއް ބުނި ކަމަށް ރެފްރީ ނިންމި ނަމަވެސް، އިލިއާ އަދި ގްރީނުގެ އޮފިޝަލުންނާއި ކުޅުންތެރިން ވެސް ބުނަމުންދިޔައީ އޭނާ ބުނީ ހުތުރު ބަހެއް ނޫން ކަމަށެވެ. އޭގެ އިތުރުން ދެވަނަ ހާފަށް އެހެން ރެފްރީއެއް އެރުމުން، އެކަމުގެ ޝަކުވާތައް ވެސް ގްރީނުން ހުށަހަޅަމުންދިޔައެވެ. ގްރީނުން ބުނަމުންދިޔައީ ދެ ވަނަ ހާފުގައި ރެފްރީ ބަދަލު ކޮށްފައި ވަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިންމާލީ ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހިގެން ގްރީނުން މެޗު ކުރިއަށްގެންދަން ބޭނުން ނުވުމުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗު ފެށިއިރު މެޗުގެ ރެފްރީކަން ކުރަމުންދިޔައީ އާދަމް ފަޒީލެވެ. ނަމަވެސް ދެ ވަނަ ހާފަށް ނުކުތީ އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި ހުރި މުހައްމަދު ނިއުޝާދެވެ. އަދި ދެ ވަނަ ހާފުގައި ރެފްރީ ފަޒީލް ހުރީ ފޯތު އޮފިޝަލެއްގެ ގޮތުގައެވެ. ދެވަނަ ހާފުގައި ނިއުޝާދުގެ ބަދަލުގައި އެސިސްޓަންޓް ރެފްރީގެ ދައުރު އަދާކުރަމުން ދިޔައީ ފުރަތަމަ ހާފުގައި ފޯތު އޮފިޝަލެއްގެ ގޮތުގައި ފެނިގެންދިޔަ ޒަހީރު ހުސައިންއެވެ. ދެވަނަ ހާފުގައި ބަދަލު އައިސްފައިނުވަނީ ހަމައެކަނި އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދުގެ މަގާމަށެވެ.

ކުޅުން މެދުކެނޑުމަކަށް ދިއުމަށްފަހު އަލުން ފެށުމަށް ރެފްރީ އިޝާރާތްކުރި ނަމަވެސް، ރެފްރީ ނިއުޝާދާއެކު މެޗު ކުރިއަށްގެންދަން ގްރީނުން ބޭނުންނުވާކަން އެ ކްލަބުން ނިންމިއެވެ.

އެ މެޗު ކުރިއަށް ގެންދަން ގްރީނުން ބޭނުންނުވާކަން އެންގުމުން އެ މެޗު އަލުން ކުޅޭނީތޯ ނުވަތަ މެޗުގެ ތިން ޕޮއިންޓު ލިބޭނީ މާޒިޔާއަށްކަން ކަށަވަރުވާނީ އެފްއޭއެމްގެ ނިންމުމަށްފަހުއެވެ.

comment ކޮމެންޓް