ލަންކާއިން ނަން ނެގުމުން ރާއްޖެއާއި ނޭޕާލަށް ސެމީ ކަށަވަރުވެއްޖެ

މިދިޔަ މަހު ނޭޕާލުގައި ކުރިއަށްދިޔަ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމު --- ފޮޓޯ/ އެފްއޭއެމް

މިމަހު ބޫޓާންގައި ބާއްވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއިން ބައިވެރިނުވާން ނިންމުމާ ގުޅިގެން، ސެމީ ފައިނަލުގެ ޖާގަތައް ރާއްޖެއާއި އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލަށް ކަށަވަރުވެއްޖެއެވެ.

މިމަހުގެ 18އިން 27ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުން ލަންކާ ނަން ނެގުމާ ގުޅިގެން 'ގްރޫޕް ބީ'ގައި ހިމެނޭނީ ހަމައެކަނި ރާއްޖެއާއި ނޭޕާލެވެ.

ލަންކާއިން ނަން ނެގި ނަމަވެސް، ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާނެއެވެ. ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ރާއްޖެއާއި ނޭޕާލް ކުޅޭ މެޗަށްފަހު 'ގްރޫޕް ބީ'ގެ އެއްވަނަ ހޯދާ ޓީމެއް ސެމީގައި ނުކުންނަން ޖެހޭނީ 'ގްރޫޕް އޭ'ގެ ދެވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. އަދި 'ގްރޫޕް ބީ'ގެ ދެވަނަ ހޯދާ ޓީމެއް ސެމީގައި ނުކުންނަން ޖެހޭނީ 'ގްރޫޕް އޭ'ގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބޫޓާނާއި އިންޑިއާ އަދި ބަނގްލަދޭޝްއެވެ.

މިދިޔަ އަހަރުގެ މުބާރާތް ކުރިއަށްދިޔައީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމުގައެވެ. ނަމަވެސް މިއަހަރުގެ މުބާރާތަށް ގިނަ ޓީމުތަކުން 18 އަހަރުން ދަށުގެ ސްކޮޑު ފޮނުވާފައިވުމުން އެ މުބާރާތުގެ ނަން 18 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ވަނީ ބަދަލުކޮށްފައެވެ. މިއީ އެ މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި މުބާރާތުގައި ވެސް ރާއްޖޭން ވާދަކޮށްފައިވެއެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން 3-1 ލަނޑުގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް