ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު އެޓީމަށް ކާމިޔާބުކުރެވުމުގެ ފަހަތުގައި އޮތީ، އުނދަގޫ ހާލަތްތަކުގައިވެސް މޮޅުވާން އެނގޭ ރައްޓެހިންތަކެއްގެ ރަހުމަތްތެރިކަމުގެ ބާރުކަމަށް، މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބާއޯގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.
ރެއާލުން މި މެޗު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި ކަމަށްވާއިރު، ސެލްޓާ އިން މެޗުގެ ލީޑު ނަގާފައިވަނީ ހަވަނަ މިނެޓުގައެވެ. މެޗުގެ ހަވަނަ މިނެޓުގައި ސެލްޓަ ވީގޯއިން ވަނީ ލަނޑެއް ޖަހައި ރެއާލް މެޑްރިޑް ސިއްސުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕަބްލޯ ދުރާން އެވެ.
ފުރަތަމަ ހާފުގައި ރެއާލަށް، ނަތީޖާ އެއްވަރުކުރަން ޕެނަލްޓީއެއް ލިބުނު ނަމަވެސް ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
އެއާއެކު ފުރަތަމަ ހާފް ނިމުނުއިރު 0-1 އިން ސެލްޓާ ކުރީގައި އޮތްއިރު، ރެއާލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ކިލިއަން އެމްބާޕޭ ދިން ޕާހުން ޖޫޑް ބެލިންގަމް ކާމިޔާބުކުރި ލަނޑާއެކު، މެޗުގެ 66 ވަނަ މިނެޓުގައެވެ.
މި މެޗުން ރެއާލް މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އުމުރުން 21 އަހަރުގެ ކާލޯސް އެސްޕީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އެޑުއާޑޯ ކަމަވިންގާގެ ބަދަލުގައި އޭނާ ކުޅެން އެރިތާ ހަވަރަކަށް މިނެޓުތެރޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުން މޮޅުވުމާއެކު ރެއާލް މެޑްރިޑަށް ލީގުގައި މިހާތަނަށް ކުޅެފައިވާ 13 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ ދެވަނަ ލިބިފައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށްވެސް 33 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމަށްވުރެ އެއް މެޗު އިތުރަށް ރެއާލް މެޑްރިޑުންވަނީ ކުޅެފައެވެ. އެހެންކަމުން މިރޭ ވިއަރެއާލްއާ ދެކޮޅަށް ކުޅޭ މެޗުން ބާސާ މޮޅުވެއްޖެނަމަ އެޓީމަށް ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ.