ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ގެ ގޮނޑި ގެއްލިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން" އަށް ވިދާޅުވީ އަބުޅޯގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކޮށްދިނުމަށް އެޕާޓީން އެ ކޮމިޝަންގައި އެދިފައިވާތީ ދަފްތަރުން އުނިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގާފައިވާ ކަމަށެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވާގޮތން ޕާޓީގެ ދަފްތަރުން އުނިކޮށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާހިސާބުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން އަބުޅޯ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
އަބުޅޯގެ އިތުރުން ޕީޕީއެމްގެ ދަފްތަރުން ނަން އުނިކޮށް މަޖިލީހަށް ފޮނުވުމުންް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ވެސް ވަނީ ގެއްލިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.