އައު ޓެކްސް ކޮމިޝަނަރު ކަމަށް އަމީޒާ އައްޔަންކުރައްވައިފި

ފާޠިމަތު އަމީޒާ: އޭނާ ވަނީ އައު ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރައްވައިފައި -- ފޮޓޯ/ މީރާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާޠިމަތު އަމީޒާ ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަމީޒާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ޙަސަން ޒަރީރު މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

އެހެންވެ، އެ މަގާމަށް އައު ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އަމީޒާގެ އިތުރުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުالله ގެ ނަމެވެ. އޭގެ ތެރެއިން ރައީސް އިސްކަން ދެއްވީ ޙަލީމަށެވެ.

އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ އިގުތިޞާދީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ހަވަނަ ދުވަހެވެ.

ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު ވަނީ މާކުސް ލިބުނު ތަރުތީބުން ދެ ބޭފުޅުންގެ ނަންތައް ތަޅުމަށް ހުށަހަޅަން ފާސްކޮށްފައެވެ. ކޮމިޓީން އަމީޒާ އަށް 92.44 މާކުސް ދިން އިރު، ރައީސް އިސްކަން ދެއްވި ޙަލީމަށް ކޮމިޓީން ދިނީ 82.89 މާކުހެވެ.

ކޮމިޓީއަށް ފަހު މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 64 މެންބަރުން ވެސް ވަނީ އަމީޒާއަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

https://sun.mv/224281

އަމީޒާ ވަނީ، މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ އަމީޒާ ވަނީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން މަސައްކަތްކުރައްވާފައެވެ.

އަމީޒާގެ ޚިދުމަތުގެ ދިގު މުއްދަތުގައި، މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަމީޒާވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފައެވެ.

comment ކޮމެންޓް