އަސެންސިއޯ ކާމިޔާބުކޮށްދިން ހިލޭ ޖެހުމުން ވެލެންސިއާ އަތްދަށުނުވެ، ރެއާލް ސަލާމަތްވެއްޖެ

ސްޕެނިޝް ލަލީގާގައި ރެއާލްއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އީޕީއޭ

ސްޕެނިޝް ލަ ލީގާގައި މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިން ހިލޭ ޖެހުމުން، ވެލެންސިއާ އަތްދަށުނުވެ، ޗެމްޕިއަން ރެއާލް މެޑްރިޑް ސަލާމަތްވެއްޖެއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވެއެވެ. މެޗުގެ ދިހަވަނަ މިނެޓުގައި ވެލެންސިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރެއާލަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ޒުވާން ފޯވަޑް މާކޯ އަސެންސިއޯއެވެ.

ރެއާލުން ލީޑު ހޯދިތާ އަށް މިނެޓް ފަހުން ވެލެންސިއާއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޓޯނީ ލަޓޯ ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކާލޯސް ސޮލާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ރެއާލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ރެއާލްގެ ހަމަލާތައް ވެލެންސިއާގެ ގޯލުގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ލީޑު ވެލެންސިއާއިން ހޯދީ 77 ވަނަ މިނެޓުގައެވެ. ރޮޑްރިގޯ ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖިއޮފްރޭ ކޮންޑޮގްބިއާއެވެ.

ރެއާލަށް ޕޮއިންޓެއް ކަށަވަރުކޮށްދިން ލަނޑު، އަސެންސިއޯ ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ވެލެންސިއާ ގޯލުގެ ތިރީ ކަނަށެވެ.

ރެއާލް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި އޮތް އެތުލެޓިކޯއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ އެއްވަނާގައި އޮތް ރެއާލް ސޮސިއެޑާޑާއި ދެވަނާގައި އޮތް ބާސެލޯނާ އަދި ތިންވަނާގައި އޮތް ލެގަނޭސްއަށް ވެސް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

comment ކޮމެންޓް