ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ސަރުކާރުން ބެއްވި ސެމިނާރެއްގައި ބައިވެރިވެވަޑައިގެން އެގައުމުގެ ނޫހެއް ކަަމަށްވާ 'ވަޔާއިން" އަށް ދެއްވި އިންޓަވިއުއެއްގައި ރައިސް ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ އެމަނިކުފާނަށް ހެއްދެވުނު ގޯހެއް ކަމަށާއި އަދި އެކަން އެއަށްވުރެ މާ ރަނގަޅަށް ކުރެވޭނެ ކަމަަށެވެ.
"އަޅުގަނޑު އަބްދުﷲ ގާޒީ ވަތްކެއް ނުކުރަން. އެހެންނަމަވެސް ގައުމުގެ ރައީސްކަމާ ކޮމާންޑާ އިން ޗީފްގެ މަގާމުގައި ހުރެ އެއީ ކަންތައް ކުރަންވީ އެންމެ ރަނގަޅުގޮތެއް ނޫން. އަދި އެއަށްވުރެ ރަަނގަޅަށް އެމައްސަލަ ހައްލު ކުރެވުނީސް،" ރައިސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނަކީ އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެކެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންދަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ފޮނުވުމުން އެމަނިކުފާނު ވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން ސިޔާސީ މަސައްކަތްތަކެއް ފައްޓަވާފައެވެ.
ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަށް އޭނާ ވަނީ އިންކާރުކުރައްވާފައެވެ. ނަމަވެސް ދައުވާ ސާބިތުވެފައި ވަނީ ހެކީންގެ ހެކިބަހުންނެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.