ކޮމެޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު މެމްބަރުން ގަވާއިދު ކޮމެޓީ ބޮއިކޮޓްކޮށްފި

ގަވާއިދު ކޮމެޓީގެ މިއަދު ބައްދަލުވުމެއްގެ ތެރެއިން--- ސަން ފޮޓޯ/ ހުސައިން ހަސަން

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި އެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ސައްހަކަމާމެދު ސުވާލު އުފައްދައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން، އެ ކޮމެޓީ ބޮއިކޮޓް ކުރައްވައިފި އެވެ.

މިއަދު ހެނދުނު 10:45 ގައި މަޖިލީހުގައި ބޭއްވި ގަވާއިދު ކޮމެޓީގެ އަށް ވަނަ ބައްދަލުވުން ފެށީ އަށް މެމްބަރުންނާއެކުގަ އެވެ. އެގާރަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީގައި އިދިކޮޅު ތިން މެމްބަރަކާއި ސަރުކާރު ކޯލިޝަންގެ ފަސް މެމްބަރަކު މިއަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެޓީގެ ފެށުމާ އެކު، ވާހަކަފުޅު ދައްކަވަމުން މަތިވެރި ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދު މަސީހުގެ "ހަލާލު" ކަން ގެއްލިފައިވާ ކަމަށެވެ. އޭނާއަކީ މަޖިލީހުގެ ރައީސެއް ނޫން ކަމަށާއި އެމަނިކުފާނު އެ މަގާމުގައި ހުންނަވައިގެން މަޖިލީހުގެ ކޮމެޓީތަކުގައި ކުރިއަށްދާ ބައްދަލުވުންތަކުގެ ސައްހަކާމެދު ސުވާލު އުފެދޭ ކަމަށް ހުސައިން ވިދާޅުވި އެވެ.

"މަޖިލީހުގެ ރިޔާސަތަށް އަމިއްލައަށް ވެރިވެގަނެގެން، އޭނާގެ އަމިއްލަ ހަލާލުކަން ގެއްލިފައިވާ މީހަކު އެތަނަށް ވެރިވެގަނެގެން ގަދަ އަނިޔާތައް ކުރަމުންދާއިރު ކޮމެޓީތައް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލެއް ނުކުރަން. އަދި ކޮމެޓީތައް ސައްހަވާނެ ކަމަށް ވެސް ގަބޫލެއް ނުކުރަން،" ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުކަން ވެސް ކުރައްވާ ހުސައިން ވިދާޅުވި އެވެ.

ހުސައިންގެ ވާހަކަފުޅަށް ތާއިދު ކުރައްވައި ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މަޖިލީހުގައި ހިނގަމުންދާ "ޣައިރު ގާނޫނީ ކަންތައްތަކުގައި" ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވެވަޑައިގަންނަވާ އިމްތިޔާޒު އެހެން ވިދާޅުވުމަށް ފަހު ވަނީ ކޮމެޓީ ދޫކުރައްވައި ވަޑައިގެންފަ އެވެ.

ހުސައިނާއި އިމްތިޔާޒު ކޮމެޓީ ދޫކުރައްވައި ވަޑައިގެންނެވި ވަގުތު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ފައްޔާޒު އިސްމާއިލު ގެންދެވީ ކޮމެޓީއަށް ހުށަހެޅިފައިވާ ގަވާއިދެއް އިސްލާހު ކުރުމާ ގުޅޭ ގޮތުން އިދާރީ މުވައްޒަފުންނަށް އިރުޝާދު ދެއްވަމުންނެވެ.

ހުސައިނާއި އިމްތިޔާޒު ކޮމެޓީ ދޫކުރައްވައި ވަޑައިގެންނެވުމުން ފައްޔާޒު ވެސް ވަނީ ކޮމެޓީ ދޫކުރައްވައި ވަޑައިގެންފަ އެވެ.

މަޖިލީހުގައި މިއަދު ހިނގައިދިޔަ "ގަނޑުބަޑުގެ" ތެރޭގައި ފައްޔާޒުގެ ގަޔަށް ކުކުޅު ބިސް ޖަހާފައިވެ އެވެ. ފައްޔާޒު ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި އިރު، ގަމީހުގައި ކުކުޅުބިހުގެ އަސަރު ހުއްޓަ އެވެ.

އިދިކޮޅު މަޖިލިސް މެމްބަރުން ގަވާއިދު ކޮމެޓީ ބޮއިކޮޓް ކުރެއްވި ނަމަވެސް، ފަސް މެމްބަރުންނާއެކު ކޮމެޓީ މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ކޮމެޓީން ވަނީ ސަރުކާރުން ހުށަހެޅި ގަވާއިދެއް ވެސް މިއަދު ފާސްކޮށްފަ އެވެ.

އިދިކޮޅު މެމްބަރު ގަވާއިދު ކޮމެޓީ ބޮއިކޮޓް ކުރައްވާފައިވާއިރު، މާލިއްޔަތު ކޮމެޓީގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން މިއަދު ބައިވެރިވެވަޑައިގެންފައިވެ އެވެ. މާލިއްޔަތު ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ހުށަހެޅުއްވުންތައް ވެސް، އެ މެމްބަރުން މިއަދު ހުށަހެޅުއްވި އެވެ.

މާލިއްޔަތު ކޮމެޓީގައި މިއަދު ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަކީ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝީދު (އޭޑީކޭ ނާޝިދު) އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އެވެ.

comment ކޮމެންޓް