މެޗަކުން ބަލިނުވެ، ޔޫތު ސްޕޯޓްސް ކްލަބުން ތިންވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.
މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ކުރިއަށްދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ޔޫތުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބަލިކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ސިފައިންގެ މައްޗަށް ޔޫތު ކުރި ހޯދީ 29-27 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތުގެ އަހްމަދު ސައިފް ނައީމެވެ.
އެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ސިފައިންގެ އަހްމަދު ރަޒުނީއާއި، އެ ޓީމުގެ އަހްމަދު ނަސީރާއި ހަމަ އެ ޓީމުގެ މުހައްމަދު މަހުދީއާއި ޔޫތުގެ އަބްދުﷲ ޒިޔާއުއާއި އެ ޓީމުގެ އަހްމަދު އިނާޝްއާއި ހަމަ އެ ޓީމުގެ އަހްމަދު ސައިފް ނައީމް އަދި ޕޮލިހުގެ އަލީ ފަޒްލީއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައިވެއެވެ. ޔޫތާއި ސިފައިންގެ އިތުރުން ދެން އެ މުބާރާތުގައި ބައިވެރިވެފައިވަނީ ލަޔަންސްއާއި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) އަދި ފުލުހުންނެވެ.