ހޭންޑްބޯލް މޯލްޑިވްސްގެ ކޯޗާސް ކޮމިޝަނަށް މެންބަރުން އިންތިހާބުކޮށްފި

ހޭންޑްބޯލް މޯލްޑިވްސް އިން ބޭއްވި އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ފައިނަލުގައި ކްލަބު އިމިގްރޭޝަނާއި އައިޖީއެމްއެޗް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ހޭންޑްބޯލް މޯލްޑިވްސްގެ ކޯޗާސް ކޮމިޝަނަށް މެންބަރުން އިންތިހާބުކޮށްފިއެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އަސާސީ ގަވާއިދުގެ ދަށުން އެކުލަވާލަން ޖެހޭ ކޯޗާސް ކޮމިޝަނަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ހަތް ކޯޗުން ވާދަކުރިއެވެ. ކޯޗާސް ކޮމިޝަން އެކުލެވިގެންވަނީ ހަތަރު މެންބަރުންގެ މައްޗަށެވެ.

ކޯޗާސް ކޮމިޝަންގެ އިންތިހާބުގައި ވާދަކޮށްފައިވަނީ އިސްމާއިލް ރިޝާދު، އިބްރާހިމް ރައޫފް، އަލީ ސޮފީހު ސާމިރު، ހުސައިން އަޒްހަމް، ހަސަން ފަހީމް، އިބްރާހިމް ހައިޝަމް އަބްދުﷲ އަދި މުހައްމަދު ލައްމާހުއެވެ.

އިއްޔެ ބޭއްވި އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދައިގެން އެ ކޮމިޝަނަށް އިންތިހާބުވެފައިވަނީ ހައިޝަމާއި ފަހީމާއި ލައްމާހު އަދި ރައޫފެވެ. އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ހައިޝަމްއެވެ. އޭނާއަށް ވަނީ 97 ވޯޓު ލިބިފައެވެ. ފަހީމަށް 90 ވޯޓު ލިބުނު އިރު، ލައްމާހަށް ލިބިފައިވަނީ 86 ވޯޓެވެ. އަދި ރައޫފަށް ލިބިފައިވަނީ 78 ވޯޓެވެ.

އިންތިހާބުގައި ދެން ވާދަކުރި ކޯޗުންގެ ތެރެއިން އަޒްހަމަށް ލިބިފައިވަނީ 26 ވޯޓެވެ. ސޮފީހަށް 20 ވޯޓު ލިބުނު އިރު، ރިޝާދަށް ލިބިފައިވަނީ 18 ވޯޓެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އަސާސީ ގަވާއިދުގެ ދަށުން އެ އެސޯސިއޭޝަނުން ވަނީ ރެފްރީސް ކޮމިޝަން ވެސް އެކުލަވާލައިފައެވެ. އެ ކޮމިޝަނަށް ހަތަރު މެންބަރުން ހޮވަން ޖެހޭ އިރު، ކުރިމަތިލާފައިވަނީ ވެސް ހަތަރު ރެފްރީއެކެވެ. އެހެންކަމުން އެ ހަތަރު ރެފްރީން ވެސް ވަނީ އިންތިހާބަކާ ނުލައި ރެފްރީސް ކޮމިޝަނަށް ހޮވިފައެވެ. އެއީ އަބްދުﷲ ސަމީހާއި މުހައްމަދު ޝަނީފާއި އަހުމަދު ޝިހާމްގެ އިތުރުން ޝާމިން އިބްރާހީމެވެ.

comment ކޮމެންޓް