މި އަހަރު ޖުމުލަ ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ހޭންޑްބޯލް ކުރިއަރުވަން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ، މުޅި ރާއްޖޭގައި ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ހޭންޑްބޯލް ކުރިއަރަމުން އަންނަ ކަމަށާއި އެ ކުޅިވަރަށް ޚާއްސަ ސަމާލުކަމެއް ގިނަ ބަޔަކު ދެމުން އަންނަ ކަމަށެވެ.
އެހެންވެ، އެ ކުޅިވަރު ކުރިއަރުވަން މި އަހަރުގެ ބަޖެޓުގެ ތެރެއިން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ދިމާލެއްގައި ހޭންޑްބޯލް ކުރިއެރުވުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދޭ ކުޅިވަރެއް އެއީ. މި އަހަރު ވަރަށް ސަމާލުކަން އެބަދެން އެ ކުޅިވަރަށް. ވީހާ ވެސް ފުޅާ ނިޒާމެއްގައި އެ ކުޅިވަރުގެ ކަންތައްތައް ގާއިމުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު، ރ. ކިނޮޅަހުގައި: އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ކުޅިވަރު ފެސިލިޓީތައް ތަރައްގީކޮށްދެއްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވަނީ އެހެން ރަށްރަށެކޭ އެއްގޮތަށް ކިނޮޅަހު ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"މި ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި ހަގީގީ ގޮތުގައި އެ މަސައްކަތްތައް ކޮށްދިނުމުގެ ޔަގީންކަން ތި ބޭފުޅުންނަށް ދިނުމަށްޓަކައި އަޅުގަނޑު މިއައީ،" މި އަހަރު ތެރޭގައި ވައުދުވި ގިނަ ކަންކަން ފުއްދަވައިދެއްވާނެކަން ހާމަކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ސަލާމްކުރައްވަމުން ގެންދެވިއިރު ވަރަށް ގިނަ ކުޑަކުދިން ކަނޑުކޮޅުތައް ދެއްވި ކަމަށެވެ. އެ ގަނޑުކޮޅުތަކުގައި އެންމެ ބޮޑަށް ހުންނާނީ 'ކޮއްކޮމެން ކުޅޭނެ ޕާކެއް' ބޭނުންވާ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ރ. ކިނޮޅަހުގައި: އެ މަނިކުފާނު ވަނީ އެ ރަށަށް ވައުދުވި ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގައި ވެސް ޕާކުތައް އެޅުމަކީ އެ މަނިކުފާނުގެ ޚާއްސަ ސިޔާސަތެއް ކަމަށެވެ.
ކިނޮޅަހަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަންކަމުގެ ތެރޭގައި:
- މި އަހަރު ޕާކު ހަދައިދިނުން
- ފުޓްސަލް ދަނޑާއި ވޮލީ ކޯޓު މި އަހަރު ނިންމުން
- ސްކޫލުގެ ފެސިލިޓީތައް ހައްލުކުރުން
- ސިއްހީ ދާއިރާއިން ދަތިވާ ކަންތައްތައް ހައްލުކުރުން
ރައީސް ވިދާޅުވީ، ކިނޮޅަހު ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް އެ ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަންނަ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ. އެހެންވެ، އެ ރަށުގެ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް އެ ކަން ކުރިއަށް ގެންދަން އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.