ކްރޫޒްލައިނާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލަނީ

ޔޫރަޕްގެ އެންމެ މަޝްހޫރު އެއް ކްރޫޒްލައިނާ ކަމަށްވާ "ކޮސްޓާ ނިއޯކްލެސިކާ"ގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލުމަށް އިނަ މޯލްޑިވްސް އިން ނިންމައިފިއެވެ.

އުނިމާ ގްރޭންޑުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް، މިއަހަރު ވެސް ކްރޫޒްލައިން ދަތުރުތައް ރާއްޖެއަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އެ ދަތުރުތައް ފެށީ ޑިސެމްބަރުގައި ކަމަށްވިޔަސް މިއަހަރު ފަށާނީ އެއް މަސް ކުރިން ނޮވެމްބަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ކޯސްޓަ ކްރޫސެސް އިން ބޭއްވީ ރާއްޖެ އާއި އިންޑިއާގެ މުމްބާއީއާ ދެމެދުގެ ދަތުރުތަކެކެވެ. އެ ދަތުރުތަކުގައި ހަތް ދުވަސް ހޭދަވާއިރު މިއަހަރު ބާއްވަން ނިންމާފައިވަނީ ރާއްޖެއާއި ސްރީ ލަންކާ އާއި މުމްބާއާ ދެމެދު އެވެ.

ފިރާގު ވިދާޅުވި ގޮތުގައި މިއަހަރު ލަންކާ އިތުރު ކުރީ، ދިވެހިންނަށް ކަނޑު މަގުން ދަތުރު ކުރުމުގައި ހަތް ދުވަސް މާ ދިގުވާތީ ދަތުރު ކުރު ކުރުމުގެ ގޮތުން ކަމަށެވެ. ކްރޫޒްލައިނާގައި މުމްބާއިއަށް ދަތުރު ކުރެވެނީ ހަތް ދުވަހުންނެވެ. ނަމަވެސް ސްރީލަންކާއަށް ތިން ދުވަހުން ދެވޭނެ އެވެ.

މި ދަތުރު އިނަ މޯލްޑިވްސް އިން ބާއްވަނީ ކޮސްޓާ ކްރޫލައިން ތަމްސީލްކުރާ އިންޑިޔާގެ ކުންފުނި ކަމަށްވާ ލޮޓަސް ޑެސްޓިނޭޝަނާ ގުޅިގެންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނާލިނީ ގުޕްތާ ވިދާޅުވީ މިފަހަރުގެ ދަތުރު ރާއްޖެ އަށް ކުރަނީ ކްރޫޒްލައިނާގައި ކުރު ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.

އެ ދަތުރުތަކުގެ އެއާލައިން ޕާޓްނަރަކީ ސްރީލަންކަން އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބު، އަހުމަދު ލިރާރު ވިދާޅުވީ ކްރޫޒް ލައިނާ ޓޫރިޒަމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކްރޫޒް ލައިނާ ޓާމިނަލެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށާއި އެތަނުގައި އެފަދަ ބޮޑެތި ބޯޓު ފަހަރު ބަނދަރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާލިނީ ވިދާޅުވި ގޮތުގައި މިއަހަރު "ކޮސްޓާ ނިއޯކްލެސިކާ" ރާއްޖެ އަށް ކުރާ ދަތުރު ފަށާނީ ނޮވެމްބަރު 18 އިން އަންނަ އަހަރުގެ މާޗް 10 ގެ ނިޔަލަށެވެ. މި ކްރޫޒްލައިނާ ދަތުރުކުރާނީ ކޮޗިން އާއި ކޮލަމްބޯ އަދި މުމްބާއީ އަދި ރާއްޖެ އަށެވެ. މިގޮތުން ކޮންމެ ރަށެއްގައި ވެސް ވިޔަފާރިކޮށްލާ ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު ދަތުރުގެ ބައިވެރިންނަށް ލިބޭނެ އެވެ.

ދަތުރުގެ އަގު އުޅޭނީ މީހަކަށް 470 ޑޮލަރާއި 1697 ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ.

"ކޮސްޓާ ނިއޯކްލެސިކާ"ގެ ދިގު މިނުގައި 221 މީޓަރު އަދި އުސްމިނުގައި 14 ބުރި ހުރެ އެވެ. މި ކްރޫޒްލައިނާގައި 1,308 ފަސިންޖަރުން އެއް ފަހަރާ ދަތުރުކުރާއިރު މީގައި ފަޅުވެރިންގެ ގޮތުގައި 620 މީހުން ހަރަކާތެރިވާނެ އެވެ.

comment ކޮމެންޓް