ރަތް ކާޑު ދެއްކި ނަމަވެސް ރޮނާލްޑޯގެ ލަނޑުން ބާސާގެ މައްޗަށް ރެއާލް ކުރިހޯދައިފި

ސްޕެނިޝް ސުޕަ ކަޕްގެ ފުރަމަ ލެގުގައި 3-1 ބާސާއަތުން ރެއާލް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރަތްކާޑު ދައްކަނީ -- ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ސުޕަރ ކަޕްގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-1ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކޮށްފިއެވެ.

ކޭމްޕް ނޫގައި ކުޅުނު ފޯރިގަދަ ކްލެސިކޯ މެޗުން ރެއާލް މޮޅުވި ނަމަވެސް އެ މެޗުގެ ފަހު 10 މިނިނިޓް ތެރޭގައި އެޓީމުގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ، ދެ މިނިޓް ތެރޭގައި ދެއްކި ދެ ރީނދޫކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ސްޕެއިންގެ އެންމެ ވާދަވެރި ދެ ކްލަބު މި ސީޒަންގައި ވާދަކުރި ފުރަތަމަ މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން ފަސް ވަރަކަށް މިނިޓްތެރޭގައި ބާސާގެ އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ ޖެރާޑް ޕީކޭ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު ރެއާލަށް ވަނީ މެޗުގެ ލީޑު ލިބިފައެވެ.

ރެއާލުން މެޗުގެ ލީޑު ނެގިނަމަވެސް، ބާސާއަށް ލިބުނު ޕެނަލްޓީއަކުން 77 ވަނަ މިނިޓްގައި މެސީ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށް އެޓީމުން އުންމީދު އާކުރިއެވެ. އެހެން ނަމަވެސް، އޭގެ ތިން މިނިޓް ފަހުން ރޮނާލްޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ރެއާލަށް ކުރި ހޯދައި ދީފައެވެ.

ސްޕެނިޝް ސުޕަ ކަޕްގެ ފުރަމަ ލެގުގައި 3-1 ބާސާއަތުން ރެއާލް މޮޅުވި މެޗުގައި ލަނޑު ޖެހުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ޖާޒީ ދައްކާލަނީ -- ފޮޓޯ: ރޮއިޓާސް

ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު ޖާޒީ ބޭލުމުން ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް އޭގޭ ކުޑައިރުކޮޅެއް ފަހުން އޭނާ ޑައިވްކުރި ކަމަށް ބަލައި ރެފްރީ ރިކާޑޯ ޑި ބްރޫގޮސް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ރޮނާލްޑޯ ދަނޑުން ފޮނުވާލައިފައެވެ.

ޒައިނުއްދީން ޒިދާންގެ ޓީމު 10 ކުޅުންތެރީންނަށް މަދުކޮށްލުމުން ވެސް ބާސާއަށް އޭގެ ފައިދާ ނުނެގި އުޅެނިކޮށް ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެ ލަނޑު ކާމިޔާބުކުރީ ބަދަލުކުޅުންތެރިއެއް ގެ ގޮތުައި ކުޅެން އެރި މާކޯ އެސެންސިއޯއެވެ.

މި ނަތީޖާއާއެކު ރެއާލަށް މިވަނީ، އަންނަ ބުދަ ދުވަހުގެ ރޭ ސަންތިއާގޯ ބެރްނަބެއުގައި ކުޅޭން ހަމަޖެހިފައިވާ ސުޕަކަޕްގެ ދެވަނަ ލެގު ކާމިޔާބުކޮށް ސީޒަންގެ ފުރަތަމަ ޓްރޮފީ އުފުލައިލުމަށް ފުރުސަތު ބޮޑުވެފައެވެ.

comment ކޮމެންޓް