ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ ޒިންމާއަކީ ދައުވާ ކުރުމާއި ދައުވާ އަނބުރާ ގެންދިއުމާއި އަލުން ދައުވާ ކުރުން އެކަނި ނޫން ކަމަށާއި އެއީ "ދިރިދެމި އޮތް ފުޅާ ޒިންމާއެއް ކަމަށް،" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މެމްބަރުންގެ ގޮނޑި ގެއްލުވާލަން ކުރަމުންދާ މަސައްކަތާއި މެމްބަރުން ހައްޔަރުކޮށް ހިންގަމުންދާ ތަހުގީގުތަކާއި ގާނޫނީ ނިޒާމު ދައުލަތުން ހިންގަމުން އުސޫލަށް ނަޝީދު ފަހަކަށް އައިސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އޭނާ ގާނޫނީ އެ ބަހުސްތައް އާންމުކޮށް ހުޅުވާލައްވަނީ އޭނާގެ އަމިއްލަ ބްލޮގުގަ އެވެ.
ނަޝީދުގެ ބްލޮގްގައި މިއަދު ވިދާޅުވެފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ކޯޓުތަކުގެ ހުކުމްތައް ފިޔަވައި، އެހެން ހުރިހާ މަރުހަލާއެއްގައި ޕީޖީގެ ދައުރަކީ މުހިންމު ދައުރެއް ކަމަށެވެ.
"ހަގީގަތުގައި ވެސް، ޕީޖީއަކީ، މުޅި ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ މުހިންމު މައި ތަނބު. ކުށުގެ ތަހުގީގާއި ތަހުގީގަށް ބަންދުކުރުމާއި ދައުވާކުރުމުގެ މަރުހަލާތަކުގެ މައި ބެލެނިވެރިޔާ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
މައްސަލަތަކުގެ ތުހުމަތުގައި ތަހުގީގަށް ބަންދުކުރެވޭ މީހާއަކީ ހަގީގަތުގައި ވެސް ބަންދުގައި ބަހައްޓަން ޖެހޭ މީހެއްތޯ ބެލުމަކީ ޕްރޮސެކިއުޓަ ޖެނެރަލް ބަލަން ޖެހޭ ކަމެއް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
އެއީ ގާނޫނުގެ އަސާސީގެ 223 ގެ (ރ) އާއި (ބ) އިން ޕީޖީއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ޕީޖީއަށް މި ބާރު ދިނުމުގެ ބޭނުމަކީ، ބަންދުނުކޮށް ފަރުޖެއްސެންއޮތް މީހަކު ބަންދުގައި ބަހައްޓާތޯ ބެލުމާއި، ބަންދުކުރަނީ، ހަމައެކަނި އެކަން ކުރަންޖެހޭ ނިސްބަތަށްތޯ ބެލުމާއި، އަދި ބަދަލުވަމުންދާ ހާލަތްތަކާއި ހަގީގަތުތަކަށް ބަލައި ކުރިން ކަނޑައަޅާފައި ހުރި ހާލަތްތައް ރިވިއުކޮށް، ރިވައިޒުކުރަމުން ދިޔުން،" ނަޝީދުގެ ބްލޮގުގައި އޭނާ ލިޔުއްވާފައިވެ އެވެ.
ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ކުރި ނަމަވެސް ތަހުގީގުތައް ހިންގާ ގޮތް ބަލައި، އެ ތަހުގީގުތަކަށް ގޮތް ކިޔައި އިރުޝާދު ދިނުމުގެ ބާރަކީ، އަދި، އެ ތަހުގީގުތައް ހިންގަނީ، ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ، ޕީޖީގެ މަސްއޫލިއްޔަތެއްކަން ކަށަވަރު ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި މައްސަލައެއްގެ ތަހުގީގަށް މީހަކު ބަންދުކުރާނަމަ، އެ މީހަކު ބަންދު ކުރެވެނީ، ބަންދުނުކޮށް ވާންނެތިގެންތޯ އާއި ބަންދު ކުރަންޖެހޭ ނިސްބަތަށްތޯ ބަލައި ކަށަވަރުކުރުމަކީ ވެސް، ޕީޖީގެ ސީދާ މަސްއޫލިއްޔަތެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"ޖިނާއީ ތަހުގީގު އެއީ ވަކި މުއައްސަސާއަކުން ކުރާކަމަކަށް ވެގެން، އެ އިދާރާއިން ތަހުގީގު ނިންމައި، ތަހުގީގު ރިޕޯޓު ޕީޖީއަށް ފޮނުވުމުން ނޫނީ ޕީޖީގެ ދައުރެއް ނެތް ކަމަށް ދުށުމަކީ، ގާނޫނުއަސާސީން އެކަން ތަސައްވުރުކޮށްފައިވާ ގޮތެއް ނޫން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ލިޔުން ނިންމާލަމުން ވިދާޅުވެފައި ވަނީ ތަހުގީގު މަރުހަލާގެ ކަންކަމާއި، ތުހުމަތަށް ބަންދުގައި ބެހެއްޓުމާއި، ޕީޖީގެ ދައުރާ ގުޅޭ ގޮތުން 2010 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމެއް ނެރެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ހައްޔަރު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ފަހު ކަމަށެވެ.
އަދި އެ ހުކުމަށް އެދުވަސް ވަރު ގާނޫނީ ވަކީލުން ނަންދީފައި ވަނީ "ޢާލަމީ އިޢުލާނުގެ ޙުކުމު"ގެ ނަމުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.