ތިން ރައީސުންގެ މަސައްކަތް ނުހުއްޓޭ، ނަމަވެސް ބާރަށް ކުރިއަކަށް ވެސް ނުދޭ: ނަޝީދު

ކުރީގެ ތިން ރައީސުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން: ތިން ރައީސުންގެ މަސައްކަތް ނުހުއްޓޭ ކަމަށް ނަޝީދު ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން އެކުގައި ފެއްޓެވި މަސައްކަތް ނުހުއްޓޭ ކަމަށާއި، ނަމަވެސް އެ މަސައްކަތް ބާރަށް ކުރިއަކަށް ވެސް ނުދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރެއްވުމަށްޓަކައި، ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއް މޭޒަކަށް ވަޑައިގެން މަޝްވަރާ ފެއްޓެވީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހެވެ. އެއީ ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތް ބޭފުޅުންތަކަކަށް ވާތީ، އެއީ ގިނަ ބަޔަކު ކުރިން ހީކުރި ފަދަ ބައްދަލުވުމެއް ނޫނެވެ.

ތިން ރައީސުންގެ މަޝްވަރާތަކަށްފަހު، ކަންކަން ވިލަރެސްކުރުމަށް ހަ މެންބަރުންގެ ކޮމިޓީއެއް ވެސް އުފައްދާފައެވެ. އޭގެ ތެރޭގައި ތިން ރައީސުންގެ އަރިސް ބޭފުޅުން ހިމެނިވަޑައިގަތެވެ.

https://sun.mv/222039

އެހެންނަމަވެސް އޭގެ ފަހުން ތިން ރައީސުން އެކުގައި ހަރަކާތްތަކެއްގައި ފެނިފައިނުވެއެވެ. އަދި ޔާމީންގެ ޕީއެންއެފްގެ ޖަލްސާތަކުގައި އެ މަނިކުފާނު ގެންދަވަނީ ސަރުކާރުގެ އިތުރުން، ނަޝީދާއި ޞާލިޙް ހިމެނޭ ގޮތަށް، އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެހެންވެ، ތިން ރައީސުންގެ މަސައްކަތާ ގުޅޭ ގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، ވިލަރެސް ކޮމިޓީން ދެ ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށެވެ.

"ބައްދަލުވުމަށް ފަހުގައި އަޅުގަނޑުމެންނަކަށް އެ މަގަކުން މާ ބާރަށް ކުރިއަށް ހިނގިފަކާއެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެއީ މަސައްކަތް ހުއްޓުން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/222054

މީގެ އިތުރުން، ޔާމީންގެ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެއް ރައީސަކު އަނެއް ރައީސާ ގުޅޭ ގޮތުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ތިން ބޭފުޅުންގެ ބައްދަލުވުމަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

ސިޔާސީ ގޮތުން އެކި ބޭފުޅުން އެކި ވާހަކަ އެކި އިރު އެބަ ދައްކަވާ، އެހެން ނަމަވެސް އެ ދައްކާ ވާހަކަތަކުން އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އެއްވެސް ވަރަކަށް ހިޔަންޏެއް ނޭޅޭނެ، ބައްދަލުވުން ކުރިއަށް ނުދެއެކޭ ބުނެވޭކަށް ނެތް
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު

މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަށް ރައްޔިތުންގެ އޮތް މަގުބޫލުކަން މިހާރު ގެއްލިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ތިން ރައީސުންގެ ގުޅިފައިވާ މަސައްކަތަކީ ސަރުކާރު ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މީގެ ކުރިން ވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް