ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، ޕީޕީއެމުން ވަކިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ލިޔުންތަކުގެ ތާރީހާމެދު ދެބަސްވެ، ދައުލަތާއި ސައުދުގެ ދިފާއުގައި ލިޔެކިޔުންތަކެއް ސުޕްރީމް ކޯޓުގެ މިއަދު ޝަރިއަތަށް ހުށަހަޅައިފި އެވެ.
ސައުދުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން އިއުލާންކުރުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސައުދުގެ ފަރާތުން ކުރި ދައުވާގެ އެންމެފަހުގެ ޝަރީއަތް މިއަދު ވަނީ ބާއްވައިފައެވެ. ދައުލަތުގެ ފަރާތުންނާއި ސައުދުގެ ފަރާތުން ޝަރީއަތަށް ހުށަހަޅަން ހުރި ހުރިހާ ނުކުތާތައް ޝަރީއަތަށް އިއްވުމުގެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ވަނީ ދީފައެވެ.
މިއަދުގެ ޝަރީއަތުގައި ހިޔާލުތަފާތުވީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާނަމަ އެ ޕާޓީއަކުން ވަކިކޮށްދިނުމަށް އެދި މިދިޔަ މަހުގެ 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ސައުދު ހުށަހެޅި ލިޔެކިޔުންތަކާމެދުގައެވެ. ސައުދު ވިދާޅުވީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީވެފައި ވާނަމަ އެ ޕާޓީއަކުން ވަކިކޮށްދިނުމަށް އެދި މިދިޔަ މަހުގެ 10 ވަނަ ދުވަހު ފޯމެއް ހުށަހަޅާފައިވާނެ ކަމަށެވެ.
ދައުލަތުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ވަކީލާ ވިދާޅުވީ މިދިޔަ ޖުލައި 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ސައުދު ހުށަހެޅުއްވީ ސިޓީއެއް ކަމަށާއި ނަމަވެސް ސިޓީއެއް ހުށަހަޅައިގެން ޕާޓީއަކުން ވަކިނުވެވޭނެތީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު، ޕީޕީއެމަށް ވަކިކޮށްދިނުމަށް ސައުދު ފޯމެއް ހުށަހެޅި ކަމަށެވެ.
ޕާޓީ ބަދަލުކޮށްފިނަމަ، އަދި ޕާޓީއަކުން ފިޔަވަޅު އަޅައިގެން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. ހުކުމް ކުރި ދުވަހުން ފެށިގެން ޕާޓީއަކުން މެމްބަރަކު ވަނިކޮށްފިނަމަ އަދި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ހުކުމްގައިވަނީ ބުނެފަ އެވެ.
މިއަދުގެ ޝަރީއަތުގައި ސައުދު ހުށަހެޅި ހުށަހެޅުންތަކާއެކު އޭނާ ޕީޕީއެމްގެ ދަފްތަރުން ވަކިވެފައި ވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ކަމަށް ދައުލަތުން ކޯޓުގައި މިއަދު ވަނީ ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ސައުދު ވިދާޅުވީ ދައުލަތުން ހަދަނީ ދޮގު ކަމަށާއި ހީލަތްތެރި ރޭވުމެއްގެ ތެރެއިން ދައުލަތުން މަސައްކަތް ކުރަނީ އޭނާގެ "ހައިސިއްޔަތު" ގެއްލުވާލުމަށް ކަމަށެވެ.
ދައުލަތުގެ ދެކޮޅު ހެދުންތަކާ ގުޅިގެން ސައުދު ވަނީ އޭނާ ޕީޕީއެމުން ވަކިކޮށްދިނުމަށް އެދި ހުށަހެޅި ފޯމުތަކާއި ލިޔުންތަކުގެ ކޮޕީ ޝަރީއަތަށް ހުށަހަޅައިފައެވެ. މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ޕީޕީއެމުން ވަކިކޮށްދިނުމަށް އޭނާ ހުށަހެޅި ކަމަށް ވިދާޅުވެ، ސައުދުގެ ފަރާތުން ޝަރީއަތަށް ލިޔުން ހުށަހެޅިއިރު، ދައުލަތުގެ ފަރާތުން ވެސް ވަނީ ލިޔުންތަކެއް ހުށަހަޅައިފައެވެ. ދައުލަތުން އެ ލިޔުންތައް ހުށަހެޅީ މިދިޔަ ޖުލައި 11 ވަނަ ދުވަހު ސައުދު ޕީޕީއެމުން ވަކިވުމަށް އެދި ހުށަހެޅި ކަމަށް ބުނެ އެވެ.
ސައުދުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރަމުން، އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތާއި ޕީޕީއެމްގެ ފަރާތުން އޭނާ ތަމްސީލު ކުރައްވާ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ސައުދު ވަކިކޮށްފައިވާ ކަމަށެވެ.
އަލީ ޝާހު ވިދާޅުވީ މިއަހަރުގެ އެޕްރީމް މަހުގެ ތެރޭގައި ސައުދު ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ އެ ޕާޓީން ވަކިކުރީ ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ކަމަށާއި އެކަން އިލެކްޝަންސް ކޮމިޝަންގެ ލިޔެކިޔުންތަކުން ފެންނާނެ ކަމަށެވެ.
އޭގެ ފަހުން ޕީޕީއެމަަށް އޭނާ ގުޅިވަޑައިގެންފައި ނުވާނެ ކަމަށާއި ދައުލަތުން ބުނާ ގޮތުން "ދެ ފަހަރަށް ޕީޕީއެމަށް ސައުދު ގުޅިވަޑައިގެންފައިވާ" ކަމަށް އަލީ ޝާހު ވިދާޅުވިއެވެ.
އަލީ ޝާހުގެ ވާހަކައަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ "ނުކުތް ގެއަކުން ދެ ވަނަ ފަހަރަށް ނުކުމެވޭނީ ގެއަށް ވަދެވިގެން" ކަމަށާއި އޭނާ ޕީޕީއެމުން ވަކިކުރި ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފައި ނުވާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތް ނިންމާލަމުން މައްސަލަ ބައްލަވާ އިސް ފަނޑިޔާރު، އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނި ހުކުމް ކުރުން ކަމަށެވެ.