210 ފުލުހުންނާއެކު 39ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި -- ފޮޓޯ/ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 39ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަދު ފަށައިފިއެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާންއެވެ.

އަދި މި ރަަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދުން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހުގައި 210 ފުލުހުން ބައިވެރިވާކަމަށާއި އޭގެތެރޭގައި 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުން ހިމެނޭކަން ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.

އައްޑޫގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ރަސްމީކޮށް ކިޔަވައިދޭން ފަށައިފައި ވަނީ 2022ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުގައެވެ.

އައްޑޫ ޕޮލިސް އެކެޑަމީގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑެއް ހިމެނެއެވެ. އަދި ޓްރެއިނިން ސެންޓަރަކާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓާއި ޓެނިސް ކޯޓެއް ހިމެއެވެ.

މީގެ އިތުރުން 400 މީޓަރުގެ ދުވާ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެއެވެ.

comment ކޮމެންޓް