ޗައިނާއަށް ބަނދަރު ދިނުމަށްފަހު ހަމްބަންތޮޓަގެ އެއާޕޯޓު އިންޑިއާއަށް!

ސްރީލަންކާގެ ހަމްބަންތޮޓަގައި ހުންނަ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓު ---

ސްރީލަންކާގެ ދެކުނުގެ ހަމްބަންތޮޓަ ޑިސްޓްރިކްޓްގެ ބަނދަރު 99 އަހަރަށް ޗައިނާއަށް ކުއްޔަށް ދިންތާ މާ ގިނަ ދުވަސްތަކެއް ނުވެ، ހަމްބަންތޮޓަގައި ހުންނަ ބައިނަލްއަގުވާމީ އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް ސްރީލަންކާގެ ސަރުކާރުން ނިންމައިފިއެވެ.

ހަމްބަންތޮޓަގެ މައްތަލަ ޓައުންގައި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން އެޅި މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަކީ މިވަގުތު، ދުނިޔޭގައި އޮތް އެންމެ އެކަހެރި އަދި "އެކަނިވެރި" ބައިނަލްއަގުވާމީ ވައިގެ ބަނދަރެވެ.

އެތަނަށް އޮޕަރޭޓުކުރަނީ އެންމެ އިންޓަނޭޝަނަލް އެއާލައިނެކެވެ. އެއީ ފްލައި ދުބާއީއެވެ. އޭގެ އިތުރުން، ސްރީލަންކާގެ ޑޮމެސްޓިކް އެއާލައިން ސިނަމަން އެއާއިން، ސްރީލަންކަން އެއާލައިންސްގެ ކޯޑްޝެއާގެ ދަށުން މައްތަލަ އެއާޕޯޓާ ކޮލޮމްބޯއާ ދެމެދު ޑޮމެސްޓިކް ފްލައިޓްސް، އަދި މައްތަލަ އެއާޕޯޓާ ކެންޑީއާ ދެމެދު ސީޕްލޭން ޚިދުމަތް ފޯރުކޮށްދެއެވެ.

މި އެއާޕޯޓަށް ފްލައިޓުތައް ދަތުރުކުރުމަށް ނޭދެނީ، އެއާޕޯޓު އޮންނަ ސަރަހައްދަށް ވައިގެ ޒަރިއްޔާއިން ދަތުރުކުރުމަށް ފަސިންޖަރުންގެ ތަރުހީބު ނެތުމުންނެވެ. މައްތަލަ އެއާޕޯޓުގެ މާ ބޮޑު ބޭނުމެއް ނެތުމުން، ހަނޑޫ ފަދަ ގޮވާމުގެ ބާވަތްތައް ގުދަން ކުރާ ތަނެއްގެ ގޮތުގައި އެތަން ބޭނުންކޮށްފައިވެއެވެ.

ސްރީލަންކާގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުން، ޓްރާންސްޕޯޓު އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލަ ޑެސިލްވާ ވަނީ، އެ އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް 40 އަހަރަށް ކުއްޔަށް ދިނުމަށް ހުށަހަޅައިފައެވެ.

މިނިސްޓަރު ޑެސިލްވާ ހުށަހެޅުއްވި ހުށަހެޅުމަށް ލަންކާގެ ކެބިނެޓުން އިއްޔެ ރުހުން ދިނުމާއެކު، އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.

އެނގިފައިވާ ގޮތުގައި، އިންޑިއާގެ ކުންފުންޏަކުން ވަނީ އެ އެއާޕޯޓު ތަރައްގީކޮށް ހިންގައިދިނުމަށް ބިޑުވެސް ހުށަހަޅައިފައެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އެނގިފައެއް ނުވެއެވެ.

މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަކީ، ހަމްބަންތޮޓަގެ މޭގަމްޕޫރަ މަހިންދަ ރާޖަޕަކްސަ ޕޯޓެކޭ އެއްފަދައިން، ޗައިނާގެ ބޮޑު ލޯނު އެހީއެއްގެ ދަށުން ރައީސް މަހިންދަ ރާޖަޕަކްސަ ބިނާކުރެއްވި އެއާޕޯޓެކެވެ. މައްތަލަ އެއާޕޯޓާއި ހަމްބަންތޮޓަ ބަނދަރާ ދެމެދު 25 ކިލޯމީޓަރުގެ ދުރުމިންވެސް ނުހުންނާނެއެވެ.

ހަމްބަންތޮޓަ ބަނދަރު، ޗައިނާގެ ކުންފުންޏެެއްގެ މެޖޯރިޓީ ހިއްސާ އޮންނަ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ލަންކާ ސަރުކާރުން އެ ފިޔަވަޅު އެޅީ، ރައީސް ރާޖަޕަކްސަގެ ސަރުކާރުގައި ޗައިނާގެ އެހީގެ ދަށުން ހިންގާފައިވާ މަޝްރޫއުތަކުގެ ސަބަބުން ލަންކާ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ވާތީއެވެ.

comment ކޮމެންޓް