ހަމްބަންތޮޓަ ބަނދަރު ޗައިނާއަށް 99 އަހަރަށް ކުއްޔަށް ދީފި

ހަމްބަންތޮޓަ ބަނދަރު --

ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ޑިސްޓްރިކްޓުގެ ބަނދަރު، ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފިއެވެ.

ޗައިނާގެ ޗައިނާ މާޗަންޓް ޕޯޓްސް ހޯލްޑިންގްސް (ސީއެމްޕޯޓު)ގެ 80 ޕަސަންޓު ހިއްސާ، އަދި ލަންކާގެ ސްރީލަންކާ ޕޯޓްސް އޮތޯރިޓީގެ 20 ޕަސަންޓު ހިއްސާ އޮންނަ ޖޮއިންޓް ވެންޗާއަކަށް ހަމްބަންތޮޓަގެ ބަނދަރު ކުއްޔަށް ދޫކުރީ، 1.1 ބިލިޔަން ޑޮލަރުގެ އަގުބޮޑު އެއްބަސްވުމަކާ އެކުގައެވެ.

މިއަހަރުގެ ކުރީކޮޅުވެސް ހަމްބަންތޮޓަ ބަނދަރު، އެ ޖޮއިންޓް ވެންޗަރ ކުންފުންޏަށް ލަންކާ ސަރުކާރުން ދިނުމަށް މަސައްކަތް ކުރި ނަމަވެސް، އެކަމާ ހަމްބަންތޮޓަ އަވަށުގެ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވީ، މިއަދު ސޮއިކުރާ އެއްބަސްވުމަކީ، ކުރީގެ އެއްބަސްވުން ވަރަށް ބޮޑަށް މުރާޖާކުރުމަށްފަހު، ލަންކާއާއި އެގައުމުގެ ރައްޔިތުންނަށް ފައިދާކުރުވަނިވި އެއްޗަކަށް ވާނެ ކަމަށެވެ.

ސްރީލަންކާ ޕޯޓްސް އޮތޯރިޓީގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ހަމްބަންތޮޓަ ބަނދަރުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ލަންކާ ޕޯޓްސް އޮތޯރިޓީއާއި ޗައިނާގެ ސީއެމްޕޯޓުގެ އިސްވެރިންނެވެ. އެހެން ނަމަވެސް ސްރީލަންކާ ސަރުކާރުގެ އިސްވެރިއެއް އެ ރަސްމިއްޔާތަށް ހާޒިރުވެވަޑައިގެންނެވިކަމެއް އެނގިފައެއް ނުވެއެވެ.

ހަމްބަންތޮޓަ ބަނދަރު ސީއެމްޕޯޓަށް ހަވާލުކުރުމަށް މިއަދު ކުރިޔަށް ގެންދިޔަ ސޮއިކުރުން ---

ހަމްބަންތޮޓަ ބަނދަރާ އެކު، އެތަނުގެ ވަށައިގެން ގާތްގަނޑަކަށް 60 ކިލޯމީޓަރު ސަރަހައްދުގެ ބިން، އިންޑަސްޓްރިއަލް ޒޯނެއް އެޅުމަށް ޗައިނާއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން މި އެއްބަސްވުމުގައި ސޮއިކުރުމާ ދެކޮޅަށް ލަންކާގެ ރައްޔިތުން އަޑު އުފުލީ، ޗައިނާއިން ހަމްބަންތޮޓަ ބަނދަރު، މިލިޓަރީ ބޭނުންތަކަށް ބޭނުންކޮށްފާނެ ކަމުގެ ތުހުމަތު ކުރަމުންނެވެ.

އެހެން ނަމަވެސް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، އެ ބަނދަރު ޗައިނާއިން ބޭނުންކުރާނީ ހަމައެކަނި އޭޝިއާއާ ޔޫރަޕާ ދެމެދު ދަތުރުކުރާ އުޅަނދުތަކަށް ޚިދުމަތް ދިނުމަށް، ވިޔަފާރީގެ އުސޫލުން ކަމަށާއި، އެނޫން ބޭނުމެއް އެތަނުން ނުކުރާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

ހަމްބަންތޮޓަ ބަނދަރު ތަރައްގީކޮށްފައިވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި، ޗައިނާގެ ލޯނެއްގެ އެހީގައެވެ. ނަމަވެސް އެ ބަނދަރު މިހާތަނަށް އޮތީ، އެކަށީގެންވާ ފައިދާއެއް ނެރުމަށް ނުކުޅެދިފައެވެ. މިދިޔަ އަހަރު ނިމުމާ ހަމައަށް އެ ބަނދަރަށް 304 މިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި ޗައިނާގެ އެހީގައި ހަމްބަންތޮޓަ ބަނދަރުގެ އިތުރުން ހަމްބަންތޮޓަގައި އެއާޕޯޓަކާއި، މުޅި ލަންކާގައި ހައިވޭތަކާއި ޕަވަރ ޕްލާންޓުތައް އަޅާފައިވެއެވެ. އަދި ސްރީލަންކާއަށް އެންމެ ބޮޑަށް އިންވެސްޓްކުރި ގައުމަކަށް ވީ ޗައިނާއެވެ.

ޗައިނާއަށް ހަމްބަންތޮޓަ ބަނދަރު ދިނުމުގެ މަޝްވަރާތައް ފެށުނީއްސުރެ، އިންޑިއާއިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް