ރެއާލް ބަލިކޮށް، ޔުނައިޓެޑުން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބު ކުރަންޖެހޭ: ކެރިކް

ޔޫރޮޕާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް: ޔޫއެފާ ސުޕާ ކަޕްގައި މިރޭ ޔުނައިޓެޑުން ރެއާލްއާ ދެކޮޅަށް ނުކުންނާނެ --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ބަލިކޮށް، ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބު ކުރަންޖެހޭ ކަމަށް އެ ކްލަބުގެ ކެޕްޓަން މައިކަލް ކެރިކް ބުނެފިއެވެ.

ޔޫއެފާ ސުޕަރ ކަޕްގައި މިރޭ ރެއާލްއާ ދެކޮޅަށް މެސެޑޯނިއާގައި ޔުނައިޓެޑް ނުކުންނައިރު، އެ މެޗަކީ ހަމައެކަނި ޕްރީ ސީޒަނަށް ތައްޔާރުވެލުމަށްޓަކައި ކުޅޭ މެޗެއްގެ ގޮތުގައި ބައެއް މީހުން ދެކުނު ކަމުގައިވިޔަސް އެއީ އެއަށްވުރެ ބޮޑު މެޗެއް ކަމަށް ކެރިކް ގަބޫލުކުރެއެވެ.

"އެއީ ވަރަށް މުހިންމު މެޗެއް. އަހަރެމެން މިހާ ހިސާބަށް އައުމަށްޓަކައި ކުރި މަސައްކަތް ގިނަ ބަޔަކަށް އެނގޭނެ ކަމަކަށް އަހަރެން ނުދެކެން. މިފަދަ ބޮޑު މެޗެއްގައި ވާދަކޮށްލަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް. އެހެންވީމާ އަހަރެމެންނަށް މި މެޗަކީ ވަރަށް ސީރިއަސް މެޗެއް،" އޭނާ ބުންޏެވެ.

ކެރިކް ބުނީ، ސީޒަންގެ ކުރީކޮޅު ޔޫއެފާ ސުފަރ ކަޕް ޓްރޮފީއެއް ލިބިއްޖެނަމަ އެއީ ލިބޭނެ ބޮޑު ކާމިޔާބެއް ކަމަށާއި ސްކޮޑުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ އެ މެޗު ކާމިޔާބުކުރަން ކެތް މަދުވެފައި ކަމަށެވެ.

ޔޫއެފާ ސުޕަރ ކަޕްގައި ރެއާލްއާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 11:45ގައެވެ. ޔުނައިޓެޑަށް ސުޕަރ ކަޕް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1991 ވަނަ އަހަރު ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑްގެ މައްޗަށް 1-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

comment ކޮމެންޓް