އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓްގެ އަތްދަށުވެ، މެންޗެސްޓާ ޔުނައިޓެޑަށް ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ފޮރެސްޓުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.
ފޮރެސްޓުން ވަނީ އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިފައެވެ. އެ ޓީމުން ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ތިން ބޯޅަ ވެސް ވަނީ ލަނޑަކަށް ހަދާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ފޮރެސްޓުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލާ މިލެންކޮވިޗެވެ. ނަމަވެސް، ޔުނައިޓެޑުން ހިތްވަރާ އެކު މަސައްކަތްކުރުމުގެ ނަތީޖާއަކަށްވީ 18 ވަނަ މިނެޓުގައި ރަސްމުސް ހޮއިލުންޑް ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ހަމަހަމަކުރުމެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ވެސް ދެވަނަ މިނެޓުގައި ފޮރެސްޓުން ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޯގަން ގިބްސް ވައިޓެވެ. މި ލަނޑު ޔުނައިޓެޑްގެ ގޯލަށް ވަނުމުގައި އެ ޓީމުގެ ކީޕަރު އަންޑްރޭ އޮނާނާއަށް ތަންކޮޅެއް ކުރިން ބޯޅައަށް ހަރަކާތް ކުރެވިފައިވުމުން މިއީ އޭނާއަށް ހެދުނު ގޯހެއްގެ ސަބަބުން ވަން ލަނޑެއް ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. މި ލަނޑާ އެކު ފޮރެސްޓަށް ލިބުނު ހިތްވަރުގައި ކުޅުމުގެ ނަތީޖާއަކަށްވީ 54 ވަނަ މިނެޓުގައި އެ ޓީމުން އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުފަންދުވަސް ފާހަގަކުރަމުންދިޔަ ކްރިސް ވުޑެވެ. މިއީ ވުޑް ޕްރިމިއާ ލީގުގައި މި ފަހަރު ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މި ލަނޑާ އެކު ޔުނައިޓެޑަށް ސިހުން ލިބުނު ނަމަވެސް އެ ޓީމުން އަނެއްކާ ވެސް ވަނީ މެޗުގެ ކޮންޓްރޯލް އަތުލާ ފޮރެސްޓްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އަދި، މެޗުގެ 61 ވަނަ މިނެޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުން ޔުނައިޓެޑުންވަނީ ފޮރެސްޓްގެ ލީޑު ހަނިކޮށްފައެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ދެވަނަ ހާފުގައި ފަސް ބަދަލު ގެނައި ނަމަވެސް ޔުނއިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާ އެކު ފޮރެސްޓް މިހާރު ވަނީ އެސްޓަން ވިލާ ފަހަތަށް ޖައްސައިލާ 25 ޕޮއިންޓާ އެކު ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ޔުނައިޓެޑް އޮތީ 19 ޕޮއިންޓާ އެކު 13 ވަނައިގައެވެ.