ޔުނައިޓެޑަށް ގަދައެއް ނުހެދުނު؛ އާސެނަލުން ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށް އާސެނަލުން ލީޑު ނަގައިފައިވަނީ 54 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. ޑެކްލަން ރައިސް ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޖޫރިއެން ޓީމްބާއެވެ މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއްނުވެ އާސެނަލަށް ވަނީ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މި ފަހަރު ރައިސް ނަގައިދިން ކޯނަރު ޔުނައިޓެޑްގެ ފޯވަޑް ޖޯޝުއާ ޒާކްޒީ ގައިގައި ޖެހިފާ ބައިކޯޅަށް ވައްނަން ދަނިކޮށް ގޯލް ރޮނގުމަތިން ސަލާމަތްކޮށްދިނީ މެނުއަލް އުގާޓެވެ.

މެޗުގެ ލީޑު އާސެނަލުން ފުޅާކުރީ 73 ވަނަ މިނެޓުގައި ވިލިއަމް ސަލިބާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ވެސް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ލިބުނު ކޯނަރަކުންނެވެ. މި ލަނޑާ އެކު އާސެނަލުން މިހާރު މިވަނީ މިދިޔަ ސީޒަނާ އެކު މިހާތަނަށް 22 ލަނޑު ސެޓް ޕީސްތަކުން ކާމިޔާބުކޮށްފައެވެ. މިއީ ޕްރިމިއާ ލީގުގައި އެހެން އެއްވެސް ކްލަބަކަށް ކުރެވިފައިވާ ކަމެއްް ނޫނެވެ.

މެޗުގައި ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް އެ ޓީމަށް ލިބުނެވެ.

މި ކާމިޔާބީއާ އެކު އާސެނަލް މިހާރު މިވަނީ 14 މެޗުން 28 ޕޮއިންޓް ހޯދާފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދުގައިވާ ފަރަގު ހަތް ޕޮއިންޓަށް ވަނީ ކުޑަކޮށްފައެވެ. މެޗުން ބަލިވުމާ އެކު ޔުނައިޓެޑް އޮތީ 19 ޕޮއިންޓާ އެކު 11 ވަނައިގައެވެ. މިއީ އަމޮރިމް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވިފަހުން ބަލިވި ފުރަތަމަ މެޗެވެ.

މުބާރާތުގައި އެސްޓަން ވިލާއާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްފައިވަނީ ވިލާއިންނެވެ.

މެޗުގައި ވިލާއިން ކާމިޔާބުކުރި ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޯގަން ރޮޖާސް، އޮލީ ވޮޓްކިންސް އަދި މެޓީ ކޭޝްއެވެ. މެޗުގައި ބްރެންޓްފަޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މިކެލް ދަމްސްގާޑެވެ.

މި ކާމިޔާބީއާ އެކު ވިލާއިން މި ވަނީ އަށް މެޗަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. އެ ޓީމު މިހާރު އޮތީ 22 ޕޮއިންޓާ އެކު ހަތްވަނައިގައެވެ. ބްރެންޓްފަޑް އޮތީ 20 ޕޮއިންޓާ އެކު ނުވަވަނައިގައެވެ.

comment ކޮމެންޓް