މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަވެފައި އޮތުމުން، ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް އާސެނަލުން މި އަހަރުގެ އިނގިރޭސި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ، ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އިނގިރޭސިވިލާތުގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ޕްރިމިއަރ ލީގު ޗެމްޕިއަން ޗެލްސީއާއި އެފްއޭ ކަޕް ޗެމްޕިއަން އާސެނަލް ވާދަކުރި މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފް ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ޗެލްސީގެ ވިކްޓަރ މޮސެސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ކުރި ހޯދައިދީފައެވެ.
އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ، 82 މިނިޓްގައެވެ. މުހައްމަދު އެލްނެނީއަށް ޕެޑްރޯ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތްކާޑެއް ދެއްކުމަށް ފަހު، އާސެނަލަށް ދިން ހިލޭޖެހުމުގައި ގްރެނިޓް ޒަކާ ފޮނުވާލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ވައްދާލީ އެޓީމާ އަލަށް ގުޅުނު ސީޑް ކޮލަސިނަޗެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އޭބީބީއޭ ފޯމެޓަށް ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީއަށް އެންމެ ޕެނަލްޓީއެއް ކާމިޔާބުކުރެވުނު އިރު އާސެނަލުން ވަނީ ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.
ޗެލްސީގެ ގޯލް ކީޕަރު ތިބައު ކޯޓުއާ ފޮނުވާލި ޕެނަލްޓީ ގޯލްގެ ހުރަސް ދަނޑިމަތީން ބޭރަށް ދިޔައިރު، އެޓީމާ އަލަށް ގުޅުނު އަލްވާރޯ މޮރާޓާ ފޮނުވާލި ޕެނަލްޓީ، އާސެނަލްގެ ގޯލް ބެލެހެއްޓި ޗެލްސީގެ ކުރީގެ ގޯލްކީޕަރު ޕެޓަރ ޗެކް ވަނީ ދިފާއުކޮށްފައެވެ.