ރެއާލް ލަދުގަންނަވާލާފައި، ބާސާއިން 15ވަނަ ސުޕަ ކަޕް ނަގައިފި

ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، ސްޕެނިޝް ސުޕާ ކަޕްގެ ޗެމްޕިއަންކަން އެފްސީ ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

ސައުދީ އަރަބިއާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 5-2 އިންނެވެ.

މެޗުގެ ފަސްވަނަ މިނެޓުގައ އުފެއްދި ހަމަލާއެއްގައި ރެއާލުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކިލިއަން އެމްބާޕޭއެވެ. ނަމަވެސް، ބާސާއިން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލެމީން ޔަމާލް ކާމިޔާބުކުރި ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުން ވަނީ 36 ވަނަ މިނެޓުގައި ނަތީޖާ އަނބުރައި ވެސް ލައިފައެވެ. އެ ލަނޑު، ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ.

ބާސާގެ ތިންވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދިނީ 39 ވަނަ މިނެޓުގައި ރަފީނިއާއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި އަލެހަންޑްރޯ ބާލްޑޭ ކާމިޔާބުކޮށްދިން ލަނޑާ އެކު ބާސާއިން ފުރަތަމަ ހާފު ނިންމާލީ 4-1 ގެ ލީޑަކާ އެކުއެވެ.

ދެވަނަ ހާފު ފެށިގޮތަށް، 48 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސާއަށް ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

އެކަމަކު، އޭގެ އިރުކޮޅެއް ފަހުން 56 ވަނަ މިނެޓުގައި ބާސާގެ ކީޕަރު ވޮއިސިއެކް ޝޫޒްނީ، އެމްބާޕޭއަށް ޕެނަލްޓީ އޭރިއާ ބޭރުން ފައުލެއް ކުރުމާ ގުޅިގެން ވަނީ ރަތް ކާޑު ދައްކާފައެވެ. އޭގެ ފަހުން، ރެއާލަށް ދެވަނަ ލަނޑެއް ޖަހައިދިނީ ރޮޑްރިގޯއެވެ.

މި ނަތީޖާއިން ރެއާލް ލަދުގަންނަވާލުމަށް ފަހު، ބާސާއިން ވަނީ 15 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން، ބާސާއިން މި ވަނީ ޖެހިޖެހިގެން އެލްކްލަސިކޯގައި ރެއާލް ކޮޅަށް ގިނަ ލަނޑުތަކެއް ޖަހާފައެވެ. މިއީ، ބާސާގެ އާ ކޯޗު ހާންސީ ފްލިކަށް 20/21 ސީޒަންގައި ބަޔާން މިއުނިކާ އެކު ބުންޑެސްލީގާ ކާމިޔާބުކުރި ފަހުން ލިބުނު ފުރަތަމަ ޓްރޮފީއެވެ.

comment ކޮމެންޓް