މަގާމު ނުގެއްލޭނެ ކަމަށް ބުނި ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންގެ ކޯޗު ޝޯން ޑައިސް މަގާމުން ވަކިކޮށްފިއެވެ.
އެވަޓަންއިން ޑައިސް މަގާމުން ވަކިކޮށްފައިވަނީ ވެސްޓް ހޭމް ޔުނައިޓެޑުން އެ ޓީމުގެ ކޯޗު ހޫލެން ލޮޕެޓެގޫ މަގާމުން ވަކިކުރިތާ ދެ ދުވަސް ވެސް ނުވަނީހެވެ. މިއާއެކު ޑައިސް ވެފައިވަނީ މި ސީޒަންގައި މަގާމު ގެއްލުނު ޕްރިމިއާ ލީގުގެ ހަވަނަ ކޯޗަށެވެ.
އޭނާ މަގާމުން ވަކިކުރީއިރު ކޯޗުކަމުގައި ދެ އަހަރުވާން ވަނީ ކައިރިވެފައެވެ. އޭނާ އެވަޓަންގެ ކޯޗު ކަމަށް އައްޔަންކުރީ ޖެނުއަރީ 30، 2023 ގައި އޭރު އެވަޓަންގައި ހުރި ފްރޭންކް ލަމްޕާޑް ކޯޗުކަމުން ވަކިކޮށްފައެވެ. އޭރު އެވަޓަން އޮތީ ރެލިގޭޝަން ޒޯންގައެވެ.
ޑައިސް ހަވާލުވެ ވެސް އެވަޓަންއަށް އެންމެ ފުރިހަމަ ކާމިޔާބީތަކެއް ނުހޯދުނު ނަމަވެސް، އޭނާ ވަނީ އެ ޓީމު ރެލިގޭޝަނުން ސަލާމަތްކޮށްދީފައެވެ. މި ފަހުން ވެސް އެ ޓީމުން ރަނގަޅު ބައެއް ނަތީޖާތައް ވެސް ނެރުނެވެ.
އޭނާ މަގާމުން ވަކިކުރީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ޕީޓާބޮރޯއާ ބައްދަލުކުރާ މެޗަށް ކުޑައިރުކޮޅަކަށްވެފައިވަނިކޮށެވެ. ބޭރުގެ ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި އެވަޓަންއާ ހަވާލުވި ފްރެޑްރިކް ގްރޫޕުގެ އިސްވެރިން ވަނީ ޑައިސް ވަކިކުރުމާ މެދު މަޝްވަރާކޮށްފައެވެ.
އެކަމަކު، ޕީޓާބޮރޯ މެޗާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޑައިސް ވަނީ ކުލަބުގެ އާ ވެރިންނާ އެކު ބެއްވި ބައްދަލުވުންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ބުނެފައެވެ. އޭނާގެ ބަދަލުގައި އެހެން ކޯޗެއް އެ މަގާމަށް ގެންނަން ޓީމުގެ ވެރިން މަސައްކަތްނުކުރާ ކަމަށް ވެސް ޑައިސް ބުންޏެވެ.
ޑައިސްގެ އިތުރުން އޭނާއާ އެކު މަސައްކަތްކުރި އިތުރު ހަތަރު ކޯޗިން ސްޓާފުން ކަމަށްވާ އިއާން ވޮއާން، ސްޓީވް ސްޓޯން، މާކް ހޮވަޑް އަދި ބިލީ މާސާ ވެސް ވަކިކުރިއެވެ.
ޑައިސް ވަކިކުރުމަށް ފަހު ވަގުތީ ގޮތުން ޓީމު ހަވާލުކުރީ އެ ކްލަބްގެ 18 އަހަރުން ދަށުގެ ޒުވާން ޓީމުގެ ކޯޗު، އަދި ކުރީގެ ކުޅުންތެރިޔާ ލެއިޓަން ބެއިންސާއި މިހާރުގެ ކެޕްޓަން ސީމަސް ކޯލްމަނާއެވެ. އެވަޓަން މި ވަގުތު އޮތީ ލީގުގެ 16 ވަނައިގައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ކްލަބްގެ އާ ވެރިން ބޭނުންވަނީ ތަޖުރިބާކާރު، އަދި ޕްރިމިއާ ލީގަށް ވެސް ފަރިތަ ކޯޗެއް ގެންނާށެވެ. އެންމެ ބޮޑަށް ދެކެވޭ އެއް ނަމަކީ ކުރިން ވެސް އެ ޓީމަށް ކޯޗުކަން ކޮށްދިން ޑޭވިޑް މޮޔޭސްއެވެ. އުމުރުން 61 އަހަރުގެ މޮޔޭސް ވަނީ 2002 އިން 2023 ވަނަ އަހަރާ ހަމައަށް އެވަޓަނަށް ކޯޗު ކޮށްދީފައެވެ.
މޮޔޭސްގެ އިތުރުން، ހޯސޭ މޮރީނިއޯގެ ނަން ވެސް ބައެއް ރިޕޯޓުތަކުގައި ފާހަގަކުރެއެވެ. އެކަމަކު، މޮރީނިއޯގެ ގާތް ބައެއް ފަރާތްތަކުން އެ ޚަބަރު ދޮގުކުރާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.