ޑޯޓްމަންޑް ބަލިކޮށް، ބަޔާނުން ހަ ވަނަ ފަހަރަށް ޖަރުމަން ސުޕާ ކަޕް ކާމިޔާބުކޮށްފި

ޖަރުމަން ސުޕާ ކަޕްގައި ބަޔާނާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީގައި ޑޯޓްމަންޑް ބަލިކޮށް، ބަޔާނުން ވަނީ ހަ ވަނަ ފަހަރަށް ސުޕާ ކަޕް ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

ޕެނަލްޓީގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، ބަޔާން މިއުނިކުން ހަ ވަނަ ފަހަރަށް ޖަރުމަން ސުޕާ ކަޕް ކާމިޔާބުކޮށްފި އެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު ސުޕާ ކަޕްގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ލަނޑުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ޑޯޓްމަންޑްގެ މައްޗަށް ބަޔާނުން ކުރި ހޯދީ 4-5 ލަނޑުގެ ނަތީޖާއަކުންނެވެ.

ޖަރުމަން ސުޕާ ކަޕްގައި ބަޔާނާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީގައި ޑޯޓްމަންޑް ބަލިކޮށް، ބަޔާނުން ވަނީ ހަ ވަނަ ފަހަރަށް ސުޕާ ކަޕް ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

އެ ތައްޓާ އެކު ޖަރުމަން ސުޕާ ކަޕްގެ އެންމެ ކާމިޔާބު ކްލަބުގެ ޝަރަފް ވެސް ބަޔާނުން ވަނީ ހޯދައިފަ އެވެ. ބަޔާނުން ހަ ވަނަ ފަހަރަށް ސުޕާ ކަޕް ކާމިޔާބުކުރި އިރު، ދެވަނައަށް އެންމެ ކާމިޔާބު ކްލަބު ޑޯޓްމަންޑް ވަނީ ފަސް ފަހަރު ސުޕާ ކަޕް ކާމިޔާބުކޮށްފަ އެވެ.

ރޭ ކުޅުނު ސުޕާ ކަޕްގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދީ ޑޯޓްމަންޑުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ޑޯޓްމަންޑަށް ލީޑު ނަގައިދީފައި ވަނިކޮށް، ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޖަރުމަން ސުޕާ ކަޕްގައި ބަޔާނާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީގައި ޑޯޓްމަންޑް ބަލިކޮށް، ބަޔާނުން ވަނީ ހަ ވަނަ ފަހަރަށް ސުޕާ ކަޕް ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

މެޗުގެ 71 ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ އަލުން ލީޑު ހޯދައިފަ އެވެ. އޫސްމާން ޑުމްބޭލޭ ދިން ބޯޅައަކުން ޑޯޓްމަންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕިއެރޭ އެމެރިކް އޮބަމަޔާން އެވެ. ބަޔާނުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރި ލަނޑަކީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޑޯޓްމަންޑްގެ ގޯލްކީޕަރު ރޯމަން ބުރްކީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ބަޔާންގެ ޕެނަލްޓީތައް ލެވަންޑޯސްކީއާއި ފްރޭންކް ރިބަރީއާއި ސަބެސްޓިއަން ރޫޑީއާއި އާޓުރޯ ވިޑާލް އަދި ނިކްލަސް ސޫލޭ ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ކިމިޗް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ޑޯޓްމަންޑްގެ ޕެނަލްޓީތައް ޑެމްބޭލޭއާއި މަކްސިމިލިއާން ފިލިޕްއާއި އޮބަމަޔާން އަދި ގޮންޒާލޯ ކާސްޓްރޯ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ސަބެސްޓިއަން ރޯޑޭ އަދި މާކް ބާޓްރާގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

comment ކޮމެންޓް