ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމްކޮށްގެން ކުރިއަށްދާ 18 ވަނަ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ގްރާންޑް ޕާކް ކޮށްދިއްޕަރު ހޯދައިފިއެވެ.
ކޮށްދިއްފަރުން ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ޒޯން އެކެއްގެ ފައިނަލް މެޗުގައި ބަނޑޮސް މޯލްޑިވްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އެ މެޗުގައި ބަނޑޮސް އަތުން ކޮށްދިއްޕަރު މޮޅުވެފައި ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެނެވެ. އެ މެޗުގެ ސެޓުތައް ކޮށްދިއްޕަރުން ގެންދިޔައީ 26-28، 17-25 އަދި 21-25 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކޮށްދިއްޕަރުގެ އާދަމް ނަސީމެވެ.

އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ފައިނަލްގައި ކޮށްދިއްޕަރާއި ބަނޑޮސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކޮށްދިއްޕަރު މޮޅުވީ ސީދާ ތިން ސެޓުން --- ފޮޓޯ/ ވީއޭއެމް
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކޮށްދިއްޕަރުގެ އާދަމް ނަސީމާއި ބަނޑޮހުގެ އިބްރާހިމް ފަލާހް އަބޫބަކުރާއި އެ ޓީމުގެ ހުސައިން ސައީދާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ހުސައިން ޔޫސުފާއި ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގެ ހުސައިން ވިޝާމާއި އެ ޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި ކޮށްދިއްޕަރުގެ ލިބަރޯ އަހްމަދު ހުސައިނެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ކޮށްދިއްޕަރުގެ ކޯޗު ހާލިދު މުހައްމަދު ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ބަނޑޮހުގެ މުހައްމަދު ރިމާޒެވެ. މުބާރާތުގައި އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ހޮވުނީ ބަނޑޮހުގެ އަލީ ވަހީދެވެ. ޒޯން އެކެއްގެ ތިންވަނަ ހޯދާފައިވަނީ ޝެރެޓަން މޯލްޑިވްސްއެވެ.