ފަހަތުން އަރައި އެމްޓީސީސީ ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ވެމްކޯއަށް

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގައި ކުލަބް ވެމްކޯ އާއި ކުލަބް އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީބޯލް ލީގުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފަހަތުން އަރައި އެމްޓީސީސީ ބަލިކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ ވެމްކޯއިން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗު، ވެމްކޯއިން ކާމިޔާބުކޮށްފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ. އެ ޓީމުން މެޗުގެ ސެޓުތައް ގެންގޮސްފައި ވަނީ 29-27، 23-25، 24-26 އަދި 15-25 އިންނެވެ.

މެޗުގެ ފަހު ސެޓު ފިޔަވައި ހުރިހާ ސެޓެއްވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އިދިކޮޅު ޓީމަށް ރަނގަޅު ލީޑެއް ނެގިޔަ ނުދީ، ދެޓީމުންވެސް މެޗުގެ ފުރަތަމަ ތިން ސެޓުގައި ވަރަށް ރަނގަޅަށް ހިފަހައްޓާފައި ވެއެވެ.

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގައި ކުލަބް ވެމްކޯ އާއި ކުލަބް އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

މި ނަތީޖާއާއެކު، މާދަމާރޭ ކުޅޭ ސެމީގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކުލަބާއި ކުލަބް އެމްޓީސީސީއެވެ. މެޗު އޮންނާނީ މާދަމާރޭ، 20:30 ގައެވެ.

އާދީއްތަ ދުވަހުގެ ރޭ އޮންނަ ފައިނަލް މެޗުގައި ވެމްކޯއާ ދެކޮޅަށް ކުޅޭނީ މި މެޗުން މޮޅުވާ ޓީމެކެވެ.

މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް