މި ހުރީ ރާއްޖޭގެ އެންމެ ރީތި ފިރިހެނާ، ނަމަކީ މުހައްމަދު ޔާމީން

މިސްޓަރ މޯލްޑިވްސް އިން އެއް ވަނަ ހޯދި މުހައްމަދު ޔާމީނަށް ޓްރޮފީ ހަވާލު ކުރަނީ--

މިއަހަރުގެ މިސްޓަ މޯލްޑިވްސް ނުވަތަ ރާއްޖޭގެ އެންމެ ރީތި ފިރިހެނާގެ މަގާމު މުހައްމަދު ޔާމީން ހޯދައިފި އެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިރޭ ކުރިއަށްދިޔަ ބޭޑްލެބް މިސްޓަރ މޯލްޑިވްސްގެ އެއް ވަނަ ޔާމީން ހޯދާފައި ވަނީ ޝާހީން އިބްރާހިމް ދީދީއާ ވާދަކޮށްގެންނެވެ.

މިސްޓަރ މޯލްޑިވްސްގެ އެއް ވަނަ ހޯދި ޔާމީނަކީ ރާއްޖޭގެ މަޝްހޫރު ޖިމް، "ދަ ހެމާ"އިން މުބާރާތަށް ނުކުތް ބޮޑީ ބިލްޑަރެކެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް އެ މަގާމު ހޯދި މުހައްމަދު ރަޝީދު (ރަޗޭ)އަކީ ވެސް "ދަ ހެމާ" އިން ހަށިހެޔޮ ކުރި ޒުވާނެކެވެ.

އެންމެ ރީތި ފިރިހެނާގެ މަގާމު ހޯދި ޔާމީނަށް 50،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓައިޓަލް އަދި މެޑެލް ހަވާލުކޮށްދިނީ ޝަރަފްވެރި މެހެމާން އޭޑީކޭ ގްރޫޕްގެ ސީއީއޯ އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

ރާއްޖޭގެ އެެންމެ ރީތި ފިރިހެނާގެ މަގާމުގެ ޓައިޓަލް ހޯދި ޔާމީން: އޭނާ އެ މަގާމު ހޯދީ ޝާހީން އިބްރާހިމް ދީދީއާ ވާދަކޮށްގެން ---

އެ މުބާރާތުގެ ތަފާތު ކެޓަގަރީތަކުން އިނާމު ހާސިލުކުރި ފަރާތްތަކަށް ވެސް އިނާމު ހަވާލުކޮށްދިންއިރު، މިސްޓަރ. ފިޒީކްގެ މަގާމު ހޯދީ ފާލިހު މުހައްމަދެވެ. އޭނާއަކީ މިދިޔަ އަހަރު ވެސް އެ މަގާމު ހާސިލްކުރި ބޮޑީބިލްޑަރެވެ. ފާލިހުއަށް ފައިސާގެ އިނާމެއްގެ ގޮތުގައި 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހަވާލުކޮށްފަ އެވެ.

މިއަހަރުގެ މިސްޓަ މޯލްޑިވްސްގެ ދެ ފައިނަލިސްޓުންގެ ތެރޭގައި ހިމެނި ނާކާމިޔާބުވި ޝާހީނަކީ މިދިޔަ އަހަރުގެ މިސްޓަ މޯލްޑިވްސްގެ ވެސް ދެ ވަނަ ހޯދި ބޮޑީބިލްޑަރެވެ.

comment ކޮމެންޓް