އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ކޮންމެ އަހަރަކުވެސް ބާއްވާ ގައުމީ ބޮޑީބިލްޑިން މުބާރާތުގެ އެންމެ ޝަރަފުވެރި "މިސްޓަރ މޯލްޑިވްސް 2021" ގެ މަގާމު މުޙައްމަދު ޔާމީން (ޔާމްބެ) ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ގައުމީ ބޮޑީބިލްޑިން މުބާރާތް ބާއްވަން ފުރަތަމަ ތާވަލުކުރި ނަމަވެސް ކޮވިޑް-19 ފެތުރޭތީ އޭރު މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން ބީބީއޭއެމް އިން ވަނީ މުބާރާތް ކެންސަލްކޮށްފަ އެވެ. އަދި ގައުމީ ސްކޮޑު ނެގުން ވެސް ވަނީ މެދުކަނޑާލައި، އައު ސްކޮޑެއް ނެގުން މިއަހަރަށް ފަސްކޮށްފަ އެވެ.
އަހަރެެއްގެ މެދުކެނޑުމަކަށްފަހު އެޗްޕީއޭގެ ހާއްސަ ގައިޑްލައިންތަކާ އެއްގޮތަށް ރޭ ބީބީއެމުން ގައުމީ ބޮޑީބިލްޑިން މުބާރާތް ބޭއްވި އިރު، އެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ފަރާތްތައް ހޮވާފައިވާއިރު، މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
މިފަހަރުގެ މިސްޓަރ މޯލްޑިވިސްކަން ހޯދި ޔާމްބެއަށް ލިބުނު އިރު، އޭނާ ވަނީ މީގެ ކުރިން 2017 ވަނަ އަހަރުވެސް އެ މަގާމު ހޯދައިފަ އެެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގެ ބޮޑީބިލްޑިންގެ 90 ކިލޯ ކެޓެގަރީން އެއްވަނަވެސް ހޯދާފައެވެ. ބޮޑީބިލްޑިންގައި ހިމެނުނު 60 ކިލޯގެ އެއްވަނަ މުހައްމަދު މޫސާ ހޯދިއިރު، 70 ކިލޯގެ އެއްވަނަ ހޯދީ މީގެކުރިން ތިން ފަހަރު މިސްޓަރ މޯލްޑިވްސް މަގާމު ހޯދާފައިވާ މުހައްމަދު ރަޝީދެވެ.
މި އަހަރުގެ މުބާރާތުގެ އެތުލެޓިކް ފިޒީކް ކެޓަގަރީގެ އެއްވަނަ ހޯދީ އަޙްމަދު މުއާޒެވެ. މުއާޒް ވަނީ އެތުލެޓިކް ފިޒީކުގެ 180 ސެންޓިމީޓަރު ބައިންވެސް އެއްވަނަ ހޯދާފައެވެ. މިއަހަރު 170 ސެންޓިމީޓަރު ބައިން އެއްވަނަ ލިބުނު ފަރާތަކީ ފަތުހުﷲ މުހައްމަދެވެ.
ސްޕޯޓްސް ފިޒީކުގެ އެއްވަނަ ހޯދީ އަޒްނީން ރަޝާދެވެ. އަޒްނީން ވަނީ ސްޕޯޓްސް ފިޒީކުގެ 165 ސެންޓިމީޓަރު ބައިންވެސް އެއްވަނަ ހޯދާފައެވެ. ދެން މި ބައިގައި ހިމެނުނު 170 ސެންޓިމީޓަރު ބައިން އެއްވަނަ ފާލިހު މުޙައްމަދު ޒާހިރަށް ލިބުނުއިރު، 175 ސެންޓިމީޓަރު ބައިން އެއްވަނަ ލިބުނީ އަލީ ސަލީމް އިބްރާހީމަށެވެ. އަދި 180 ސެންޓިމީޓަރު ބައިން އެއްވަނަ ލިބިފައިވަނީ އަތީޤުއް ރަޙްމާނަށެވެ.
މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި 30 އަށްވުރެ ގިނަ ބޮޑީބިލްޑަރުން ވަނީ ބައިވެރިވެފައެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ބައިވެރިވީ 18 ބޮޑީބިލްޑަރުންނެވެ.
ކޮވިޑް-19 ފެތުރޭތީ އޭރު ކުރިމަތިވެފައި އޮތް އުނދަގޫ ހާލަތުގެ ސަބަބުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު މާފުށީގައި ބާއްވަން ހަމަޖެހިފައި އޮތް އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް އޮތީ މިއަހަރަށް ފަސްކޮށްފަ އެވެ. މިއީ އޭޝިއާ ފެންވަރުގެ ބޮޑީބިލްޑިން މުބާރާތެއް ރާއްޖޭގައި ބާއްވަން ލިބުނު ފުރަތަަމަ ފަހަރެވެ.