މިސްޓަ މޯލްޑިވްސް ޔާންބެއަށް އެހީވާން ޓިކްޓޮކް ލައިވަކުން 2 ލައްކައިގެ އެހީއެއް

ޔާންބެއަސް އެހީވާން ބޭއްވި ޓިކްޓޮކް ލައިވްގެ ތެރެއިން --

"މިސްޓާ މޯލްޑިވްސް" މުހައްމަދު ޔާމީން (ޔާންބެ)ގެ ދެ ކިޑްނީ ފެއިލްވެ، ފަރުވާ ހޯދަން ޖެހުމާއެކު ޔާންބެއަށް އެހީތެރިވުމުގެ ގޮތުން މިރޭ ޓިކްޓޮކުގައި ބޮޑު ލައިވެއް ބާއްވައި ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް އެހީގެ ގޮތުގައި ހޯދައިދީފިއެވެ.

ޓިކްޓޮކް ބައެއް ތަރިން އިސްވެ މި ލައިވް ކުރިއަށް ގެންދިޔައީ މިރެއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށްވުރެ ގިނައިރަށް ކުރިއަށްދިޔަ މި ލައިވްގައި، ޔާންބެގެ އެކައުންޓުތައް ހިއްސާކޮށް ފައިސާގެ އެހީ ހަދިޔާކުރުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލައިވް ނިންމައިލިއިރު 207،674 އަށްވުރެ ގިނަ ރުފިޔާވަނީ ޔާންބެގެ އެކައުންޓަށް ޖަމާވެފައެވެ.

މި ލައިވްގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ޔާންބެގެ ހިތްވަރަށް ތައުރީފްކޮށްފައެވެ. އަދި ޔާންބެއަކީ ދިވެހީން ފަޚުރުވެރިވާ މީހެއްގެ ގޮތުގައިވަނީ ސިފަކޮށްފައެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ބޮޑީ ބިލްޑިންގައި ޔާންބެ، ދިވެހި ދިދަ ހިފައިގެން ހުންނަތަން ދެކެން ބޭނުންވާކަމަށް ވެސް ވަނީ ބުނެފައެވެ.

ޔާންބެއަސް އެހީވާން ބޭއްވި ޓިކްޓޮކް ލައިވްގެ ތެރެއިން --

މި އެހީތެރިކަމާއެކު ޔާންބެ ވެސްވަނީ ލިބުނު އެހީތެރިކަމަށް އާންމުންނަށް ޝުކުރު އަދައިކޮށްފައެވެ.

"ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދައިކުރަން... ކުރިއަށް އޮތްތަނުގައި ވެސް އިތުބާރު ކުރާނެކަމަށް ވަރަށް ބޮޑަށް އެދެން،" ޔާންބެ ބުންޏެވެ.

ހަަމައެއާއެކު ލައިވް އިންތިޒާމުކުރި ފަރާތުން ވަނީ މި އެހީތެރިކަމުން ރަމްޒު ކޮށްދެނީ ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަންކަަމަށް ފާހަަގަކޮށްފައެވެ. އަދި ޓިކްޓޮކަކީ ހެޔޮ ގޮތުގައި ބޭނުންކުރާ އެއްޗަކަށް ހެދުމަށް ނަސޭހަތްތެރިވެފައެވެ.

https://sun.mv/196209

ޔާންބެ "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވިކަން އެނގުނީ މި މަސް ފެށުނު ހިސާބުގައެވެ. އެކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނުމާ އެކު ހެދި އާދައިގެ ލޭގެ ޓެސްޓަކުން ކަމަށް އޭނާ ބުންޏެވެ.

އާންމުކޮށް ބޮޑީބިލްޑު ކުރާ މީހުންގެ ލޭގައި ބައެއް މާއްދާތައް އެހެން މީހުންނަށްވުރެ ގިނައެވެ. މީގެ ކުރިން ހެދި ޓެސްޓުތަކުން ވެސް ކިޑްނީގެ މައްސަލަ ހުރިކަން ދެނެނުގަނެވުނީ އެހެންވެގެން ކަމަށް ޔާމްބެ ކިޔައިދިނެވެ. އޭނާ ބުނީ ކިޑްނީގެ މައްސަލަ ހުރިކަން ދެނެގަނެވުނުއިރު، ބަލި ހުރީ ސްޓޭޖު ފަހެއްގައި ކަމަށެވެ.

އޭނާއަކީ ޒުވާން ޕޭޝަންޓަކަށް ވުމުން ލަސްނުކޮށް ފަރުވާ ކުރުމަށް ޑޯނާއެއް ހޯދުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ބުންޏެވެ.

comment ކޮމެންޓް