"އާބަންކޯ މިސްޓަ މޯލްޑިވްސް 2023" ގެ މަގާމު މުހައްމަދު ޔާމީން (ޔާންބެ) ހޯދައިފިއެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި 21 ވަނަ މިސްޓަ މޯލްޑިވްސް އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ޔާމްބެ ވަނީ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދައި، ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެ އެވޯޑު ހޯދައިފައެވެ. ޔާމްބެ ވަނީ 2017 ވަނަ އަހަރު ވެސް އެ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދައިފައެވެ. އެހެންކަމުން މިއީ އެ އެވޯޑު އޭނާ ހޯދި ހަތަރުވަނަ ފަހަރެވެ.
ޔާމްބެއަކީ ބޮޑީބިލްޑިންގައި ބައިނަލްއަގުވާމީ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ބޮޑީބިލްޑަރެކެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ސުޕަ 90 ކިލޯގެ ކެޓަގަރީން ލޯ މެޑަލްއެއް ހޯދައިފައެވެ.
މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި ފީޒީކް ކެޓަގަރީން ޗެމްޕިއަންކަން ހޯދީ އަޒްނީން ރަޝާދެވެ. އެއީ ޖެހިޖެހިގެން އަޒްނީން އެ އެވޯޑު ހޯދި ހަތަރުވަނަ ފަހަރެވެ.
ޔާމްބެއެކޭ އެއްގޮތަށް މިދިޔަ އަހަރު ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި އަޒްނީން ވެސް ވަނީ ރާއްޖެއަށް މެޑަލްއެއް ހޯދައިދީފައެވެ. އޭނާ ވަނީ ސްޕޯޓްސް ފިޒީކް އަޕް 170 ސެންޓިމީޓަރުގެ ކެޓަގަރީން ރަން މެޑަލް ހޯދަފައެވެ.
"އާބަންކޯ މިސްޓަ މޯލްޑިވްސް 2023" ގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދައި، އެމްއެންޑީއެފުން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެ މަގާމު ހޯދައިފައެވެ. އެމްއެންޑީއެފްގެ އެތުލީޓުން ވަނީ މިފަހަރުގެ މުބާރާތުގައި ހަތަރު ރަން މެޑަލް އާއި، ދެ ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފައެވެ.
މިފަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. ދެކުނު އޭޝިއާގެ އެތުލީޓުން ވާދަކުރާ އެ މުބާރާތް އަންނަ ހުކުރު ދުވަހު ފަށާ އިރު، މުބާރާތް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ.