ފިލައިގެން ސްރީލަންކާއަށް ވަޑައިގަންނަވަން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރުން ހުސައިން އަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި އެެވެ.
އަރީފުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ރޭ ނެރުނު އަމުރުގައި ބުނެފައިވަނީ އަރީފުގެ ފުލުހުން މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ފިލައިގެން ސްރީލަންކާއަށް ދާން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.
އަރީފުގެ މައްޗަށް ކުރާ ތުހުމަތެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ ޖުލައި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ސިފައިންނާ މެދު މަޖިލިސް މެމްބަރުން މާރާމާރީ ހިންގި މައްސަލައިގައިވެސް ތުހުމަތު ކުރެވޭ ކަމަށް އަމުރުގައިވެ އެވެ.
އެމައްސަލަތައް ތަހުގީގު ކުރަމުން ދަނިކޮށް އަރީފު ފުރައިގެން ގޮސްފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށްވެސް އަމުރުގައި ވަނީ ބުނެފަ އެވެ.
އަރީފު ފިލައިގެން ސްރީލަންކާއަށް ވަޑައިގަންނަވަން އުޅޭ ކަން ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ.
އެ އަމުރާ އެކު އަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް ތާކަަށް ފިލައިގެން ދާން ނޫޅޭ ކަމަށެވެ.
އަރީފުގެ އިތުރުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށްވެސް އެ ތުހުމަތުތައް ކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.