ކ. ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި، މިސްރަށް ނިސްބަތްވާ ދެ މީހުން ގައުމަށް ފޮނުވާލުމަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހިންމަފުށީގައި ބަޔަކު މާރާމާރީ ހިންގައިގެން އުޅޭކަމުގެ މައުލޫމާތު އާދީއްތަ ދުވަހުގެ ރޭ 19:24 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންްދިޔަ ކަމަށާއި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލާފައިވާ ކަމަށެެވެ.
ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު، އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް ފުލުހުންގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާރާމާރީގެ މިފަދަ މައްސަލަތަކަކީ ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. މީގެ ދެ ދުވަސް ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުޑަކުދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއްގައި 16 އަހަރުގެ ކުއްޖަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
މިފަދަ ހަމަނުޖެހުންތަކުގައި ގިނައިން ޒުވާނުންނާއި ކުޑަކުދިން ބައިވެރިވާކަން ފާހަގަކުރެވެމުންދާއިރު ފުލުހުން ބުނީ މިފަދަ ކަންކަން ވަރަށް ގާތުން ބަލައި މާރާމާރީތައް މަދުކުރުމަށްޓަކައި އެކި ފެންވަރުގައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.