މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ދުވާފަރުން 4 ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު ޒުވާނަކު ހައްޔަރުކޮށްފި -- ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ބޭނުންކޮށް, އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ. ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ މައިސަމް މުސްތަފާއާއި އުމުރުން 21 އަހަރުގެ އަލީ ފިރްސާދު އާދަމާއި އުމުރުން 21 އަހަރުގެ ޢަލީ ހަސްރާނުގެ އިތުރުން އުމުރުން 19 އަހަރުގެ މުޙައްމަދު ސުނޭހު ކަމަށެވެ.

ފުލުހުން ބުނީ މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ކަމަށެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި އެ ތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައިސަމް މުސްތަފާ އަށް 15 ދުވަސް ޖަހައިފައިވާ ކަމަށެވެ. އަދި ބާކީ ތިން މީހުން ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދުވާފަރު ޕޮލިހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް އިޖުތިމާއީ މައްސަލައެވެ. އެފަދަ މައްސަލަަތަކުގައި ޒުވާނުންނާއި ކުޑަކުދިން ޝާމިލުވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް، ތަންފީޒީ އިދާރާތަކުން ފާހަގަކުރެއެވެ.

comment ކޮމެންޓް