ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ބުނެ އިނދިކޮޅު މެންބަރުންތަކެއްގެ މައްސަލަ ތަހުގީގު ކުރަނީ

މަޖިލީހުގެ ރިޔާސަތަށް އިދިކޮޅު މެންބަރުން ނެރުމުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވަނީ --- ފޮޓޯ: އީވާ އަބްދުﷲ

މަޖިލީހުގެ ބައެއް މެންބަރުން ސިފައިންގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ އެއް ފުލުހުން ތަހްގީގް ކުރަން ފަށިއިފި އެވެ.

ފުލުހުން ތަހްގީގް ކުރަމުން އަންނަނީ މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި އިދިކޮޅު ޕާޓީތަކަށް ނަސްބަތްވާ ބައެއް މެންބަރުން އެ ދުވަހު މަޖިލީހުގެ ސަލާމަތީ ބާރުތަކާ މެދު ހިންގިި ކަންކަމެވެ.

އިދިކޮޅު މެންބަރުން އެ ދެވަހުގެ މަޖިލިސް ފެށުމުގެ ކުރިން ވަނީ ރިޔާސަތުގައި އިންނަވާ ގޮނޑިކޮޅު ޗެމްބަރުން ބޭރަށް ނެރެ ރިޔާސަތު ހިސޯރުކޮށްފަ އެވެ. ސަބަބެއްގެ ގޮތުގައި އެ މެންބަރުން ބުނަމުން އައީ އެ ފަރާތްތަކުން 45 މެންބަރުންގެ ސޮޔާއާ އެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރުމެވެ.

މަސީހުގެ ބަދަލުގައި އެ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނީ ނައިބް ރައީސް ރީކޯ މޫސާ މަނިކު ކަމަށް ވެސް އިދިކޮޅު މެންބަރުން އައީ ބުނަމުންނެވެ. އެނޫން ގޮތަކަށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު މެންބަރުން އައީ ބުނަމުންނެވެ.

ނަމަވެސް މަޖިލީހާއި މަޖިލިސްގެ ދަށުން ހިމެނޭ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓިމުގެ ގާނޫނީ ޒިންމާ ހަވާލުވެފައިވާ އެމްއެންޑީއެފްގެ އޮފިސަރުން އައީ އިނދިކޮޅު މެންބަރުން ގަދަކަމުން ރިޔާސަތުން ދުރުކޮށް މަސީހު ރިޔާސަތައް ގެނެސްފަ އެވެ. އެ ކަމުގައި ކޮންމެސް ވަރަކަށް މެންބަރުންނާއި ސިފައިންނާ މެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ.

ފުލުހުން ސީދާ އެ މައްސަލަ ތަހްގީގް ކުރަމުންދާ ކަމަށް ނުބުނި ނަމަވެސް އެ ދުވަހު އިދިކޮޅު މެންބަރުންނާ އެކު އެންމެ އިސްކޮށް ހަރަކާތްތެރިވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރުން އެކަން ކަށަވަރު ވެގެންދެ އެވެ.

އެ އަމުރުގައި ބުނަނީ މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަހްލޫފު ފިލާފާނެ ކަމަށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކުރައިމް ޑިޕާޓްމެންޓުން ތަހްގީގް ކުރަމުން އަންނަ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވަނީ އެމްއެންޑީއެފްންނެވެ.

comment ކޮމެންޓް