ބޮޑެތި ކުށްކުށަށް އަރައިގަތުމަށް ދިވެހި ޓެލެގްރާމް ޗެނަލްތަކުގެ ބޮޑު ނެޓްވޯކެއް ހިންހިކަމަށް ތުހުމަތުކުރާ މައްސަލަގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން އައި ޗެނަލްތަކުގެ މައްސަލަގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ.
އަންހެން މީހާގެ މައްޗަށް ޖަހާފައިވާ ބަންދުގެ މުއްދަތު ހަމަވާތީ ފުލުހުން ވަނީ އޭނާ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ. އެހެންވެ، އެ މައްސަލަގައި މިއަދު ބޭއްވި އަޑުއެހުމުގައި އަންހެން މީހާ ވަނީ އޭނާއަކީ ވަޒީފާގައި އުޅޭ މީހެއް ކަމުން އަވަހަށް މައްސަލަ ބަލައި، ނިންމައިދިނުމަށް އެދިފައެވެ.
ޗެނަލްތަކުގައި މައްސަލަގައި ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދު އަދިވެސް ނުނިމޭއިރު އެ މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 17ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ހަށިވިއްކުމާއި ޑުރަގުގެ މުއާމަލާތްތަކަށް ބޭނުންކުރާ ޗެނަލްތަކެއް ފާހަގަވެފައިވާ ކަމަށާއި އެ ޗެނަލްތަކުން 7،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި ކަމަށް ބުނެފައެވެ.
ފުލުހުން ބުނީ ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކުމަށް ގެންގުޅުނު ޚާއްސަ ޓެކްސީގައި އެ ވިޔަފާރިއަށް މީހުން ތަންތަނަށް ދަތުރު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިއީ ދިވެހިންނާ ބިދޭސީން ހިމެނޭހެން ރާއްޖޭގައި މިހާތަނަށް ހިންގި މިފަދަ އެންމެ ބޮޑު ޗެނަލްކަމަށް ފުލުހުން ބުނެފައިވެއެވެ.