ފިރިހެން ޗެމްޕިއަންކަން ފަޔާޒަށް، އަންހެން ޗެމްޕިއަންކަން ފާތީއަށް

ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ ފިރިހެން ޗެމްޕިއަން ފަޔާޒް(ކ) އަދި އަންހެން ޗެމްޕިއަން ފާތީ(ވ) --- ފޮޓޯ/ އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާ އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ހުސައިން ފަޔާޒު ހޯދިއިރު، އަންހެން ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފިއެވެ.

ފިރިހެން ޗެމްޕިއަންކަން ފަޔާޒް ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އަހުސަން ހާޝިމް ބަލިކޮށްގެންނެވެ. އެމްޕީބީއޭ ކްލަބު ރޭންކިންގެ ދެވަނާގައި އޮތް ފަޔާޒް އެ މެޗު ކާމިޔާބު ކުރީ 9-2 ފްރޭމުންނެވެ.

އެ މުބާރާތުގެ އަންހެން ބައި ބޭއްވުނު މިއީ ފުރަތަމަ އަހަރެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ފާތީ ހޯދީ ރޭ ކުޅުނު ފައިނަލުގައި އާމިނަތު ހަލީމް(ދިލް) ބަލިކޮށްގެންނެވެ. އެ މެޗު ފާތީ ކާމިޔާބުކުރީ 6-3 ފްރޭމުންނެވެ.

އެ މުބާރާތުގެ ފިރިހެން ބައިގައި 64 ކުޅުންތެރިން ވާދަކުރިއިރު، އަންހެން ބައިގައި އަށް ކުޅުންތެރިން ވާދަކުރިއެވެ. އެ މުބާރާތުގެ ފިރިހެން ބައި ކުރިއަށްދިޔައީ ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ. އަދި އަންހެން ބައިގެ ފުރަތަމަ ބުރު ކުރިއަށްދިޔައީ ލީގު އުސޫލުންނެވެ. ލީގު އުސޫލުން ކުޅުމަށްފަހު ތިން ސެމީ ފައިނަލް ކުޅުމަށްފަހު ފައިނަލްގައި ވާދަކުރީ ސެމީގެ ފުރަތަމަ މެޗާއި ސެމީގެ ތިންވަނަ މެޗު ކާމިޔާބުކުރި ދެ ކުޅުންތެރިންނެވެ.

އެ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަނަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިއިރު، ރަނަރަޕަށް ހުށަހެޅީ 15000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ތިންވަނަ ހޯދި ކުޅުންތެރިޔާއަށް ހުށަހެޅީ 7500 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އަންހެން ބައިގެ ޗެމްޕިއަނަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިއިރު، ރަނަރަޕަށް ހުށަހެޅީ 3000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި އެ ބައިގެ ތިންވަނަ ހޯދި ކުޅުންތެރިޔާއަށް ހުށަހެޅީ 1500 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް