9 ބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އަހުސަނާއި ފާތީއަށް

9 ބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ފާތީ(ކ) އާއި އަހުސަން(ވ) -- ފޮޓޯ/ އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 9 ބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އަހުސަން ހާޝިމާއި އާމިނަތު ފާތީ ހޯދައިފިއެވެ.

އަހުސަނާއި ފާތީ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލު މެޗުތައް ކާމިޔާބުކޮށްގެންނެވެ.

9 ބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ހޯދި ދީނާ(ކ) އާއި އަކްސަމް(ވ) -- ފޮޓޯ/ އެމްޕީބީއޭ

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި އަހުސަން ނުކުތީ މުހައްމަދު އަކްސަމްއާ ދެކޮޅަށެވެ. އެ މެޗުގެ ކުރީކޮޅުގައި އަހުސަން، ވަރުގަދަ ކުޅުމެއް ދައްކައި، ފަރަގު ބޮޑުކުރަމުންދިޔަ އިރު، މެޗުގެ ފަހުކޮޅު އަކްސަމް ވެސް ހިތްވަރާއެކު ފަރަގު ކުޑަކުރަމުންދިޔައެވެ. ނަމަވެސް އެ މެޗު އަހުސަން ކާމިޔާބުކުރީ 11-9 ފްރޭމުންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި ފާތީ ނުކުތީ ދީނާ އަހުމަދާ ދެކޮޅަށެވެ. އެ މެޗުގެ ކުރީކޮޅުގައި ފާތީ ވަނީ ބޮޑު ލީޑެއް ހޯދައިފައެވެ. ފަރަގު ކުޑަކުރުމަށް ދީނާ މަސައްކަތްކުރަމުންދިޔަ ނަމަވެސް، ފާތީ ވަނީ ފަސޭހަކަމާއެކު 7-4 ފްރޭމުން މެޗު ކާމިޔާބުކޮށްފައެވެ.

ބިލިއާޑަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި ކުރިއަރައިގެންދިޔަ އެއް ކުޅިވަރެވެ. ދާދި ފަހުން ރާއްޖޭގައި ވަނީ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެއް ވެސް ބާއްވައިފައެވެ.

comment ކޮމެންޓް