ރާއްޖޭގެ ޗެމްޕިއަން ޝާޒަށް ތާރީޚީ ކާމިޔާބީއެއް، ދެން ވާދަކުރާނީ ނޮކްއައުޓް ބުރުގައި

މޯލްޑިވްސް އޯޕަން 2023 ގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ރާއްޖޭގެ އެއް ނަމްބަރު ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދާއެކު ރާއްޖޭގެ ބިލިއާޑް ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ އެމްޕީބީއޭ

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް، މޯލްޑިވްސް އޯޕަން 2023 ގެ ދެވަނަ ބުރުން ރާއްޖޭގެ އެއް ނަމްބަރު ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު ޖާގަ ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދާ މޯލްޑިވްސް އޯޕަންގައި ޝާޒް ހޯދި އެ ކާމިޔާބީއަކީ ތާރީޚީ ކާމިޔާބީއެކެވެ. އޭނާ ވެގެންގޮސްފައި މިވަނީ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތަކުން ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށެވެ.

މުބާރާތުގައި ޝާޒް ހިމެނޭ "ގްރޫޕު ކޭ" އިން ގަދަ 32 އަށް ދަތުރުކުރާ ދެ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނިގެންދިޔައީ މިރޭ ކުޅުނު މެޗުގައި ބަންގުލަދޭޝްގެ ނިޒާމުއްދީން އަހުމަދު ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ނިޒާމުއްދީން އަތުން ޝާޒް މޮޅުވީ 7-6 ފްރޭމުންނެވެ.

މޯލްޑިވްސް އޯޕަން 2023 ގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ރާއްޖޭގެ އެއް ނަމްބަރު ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު -- ފޮޓޯ/ އެމްޕީބީއޭ

އެ ގްރޫޕުގައި ދެން ހިމެނުނީ ހޮންކޮންގެ ލޯ ހޯ ސުމް އާއި އިންޑިއާގެ ރަޔާން ރަޒްމީއެވެ. ޝާޒްއާއެކު އެ ގްރޫޕުން ނޮކްއައުޓް ބުރުގެ ޖާގަ ހޯދި އަނެއް ކުޅުންތެރިޔަކީ ހޮންކޮންގެ ލޯ ހޯ ސުމް އެވެ.

އިއްޔެ ހެނދުނު ފެށި 10 ބޯލްގެ އެ މުބާރާތުގައި ޖުމުލަ 64 ކުޅުންތެރިޔަކު ވާދަކުރެއެވެ. އެއީ ރާއްޖޭގެ 16 ކުޅުންތެރިޔަކާއި އެކި ގައުމުތަކުން 48 ކުޅުންތެރިއެކެވެ. އޭގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ހަތް ކުޅުންތެރިޔަކު ފާހަގަކޮށްލެވެއެވެ.

މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދެއެވެ. އެގޮތުން ރާއްޖޭގެ ބައެއް ކުޅުންތެރިން ވަނީ މުބާރާތުގައި ފާހަގަކޮށްލެވުނު ބައެއް ވަރުގަދަ ކުޅުންތެރިންގެ އަތުން މުހިންމު މޮޅުތަކެއް ހޯދައިފައެވެ. ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ވަރުގަދަ ކުޅުމަކާއެކު ރާއްޖޭގެ ހުސައިން ފަޔާޒާއި މުހައްމަދު ޝަރީފް އަދި އަހުމަދު ޝިހާދު, އެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މޮޅެއް ހޯދައިފައެވެ. އޭގެ ތެރެއިން ފަޔާޒް ބަލިކުރީ ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީއެވެ.

މޯލްޑިވްސް އޯޕަން 2023 އަކީ ދުނިޔޭގެ ރޭންކިން މުބާރާތެކެވެ. އަންނަ ބުދަ ދުވަހުގެ ނިޔަަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ދުނިޔޭގެ ރޭންކިންގެ އިތުރުން އޭޝިއާގެ ރޭންކިންއަށް ވެސް ޕޮއިންޓު ލިބިގެންދާނެއެވެ.

comment ކޮމެންޓް