މޯލްޑިވްސް އޯޕަން: ނޮކްއައުޓް ބުރުގައި ޝާޒް ބަލިވި ނަމަވެސް، ރަނގަޅު ފައިޓެއް

މޯލްޑިވްސް އޯޕަން 2023 ގެ ނޮކްއައުޓް ބުރުގައި ރާއްޖޭގެ އެއް ނަމްބަރު ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު ވާދަކުރަނީ -- ފޮޓޯ/ އެމްޕީބީއޭ

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް، މޯލްޑިވްސް އޯޕަން 2023 ގެ ނޮކްއައުޓް ބުރުގައި ރާއްޖޭގެ އެއް ނަމްބަރު ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު ބަލިވި ނަމަވެސް، ރަނގަޅު ކުޅުމެއް ދައްކައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދާ މޯލްޑިވްސް އޯޕަންގެ ގަދަ 36 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ހަމައެކަނި ދިވެހި ކުޅުންތެރިޔަކީ ވެސް ޝާޒެވެ. އޭނާ ވެގެންގޮސްފައިވަނީ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތަކުން ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށެވެ.

ނޮކްއައުޓް ބުރުގައި ޝާޒް އިއްޔެ ކުޅުނު މެޗުގައި ނުކުތީ ބައިނަލްއަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ވިއެޓްނާމްގެ ޑުއޮންގް ކުއޮކް ހޮއާންގްއާ ދެކޮޅަށެވެ. އެ މެޗުން 8-4 ފްރޭމުން ބަލިވެ، ޝާޒް މުބާރާތުން ކެޓި ނަމަވެސް، އޭނާގެ ނަން ތާރީހުގައި ލިޔެވިގެންދާނެއެވެ.

އެ މެޗުގެ ކުރީކޮޅުގައި ޝާޒް ވަނީ ވާދަވެރި ކުޅުމެއް ދައްކައިފައެވެ. ފުރަތަމަ ދެ ފްރޭމް ހޮއާންގް ގެންދިޔަ ނަމަވެސް، ޝާޒް ވަނީ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކޮށްފައެވެ. ޝާޒް 5-4 ފްރޭމަށް ފަރަގު ކުޑަކުރި ނަމަވެސް، ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި، ހޮއާންގް ވަނީ ފަހު ފްރޭމްތައް ގެންގޮސްފައެވެ.

މޯލްޑިވްސް އޯޕަން 2023 ގެ ނޮކްއައުޓް ބުރުގައި ރާއްޖޭގެ އެއް ނަމްބަރު ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު ވާދަކުރަނީ -- ފޮޓޯ/ އެމްޕީބީއޭ

މިދިޔަ ހޮނިހިރު ދުވަހު ފެށި 10 ބޯލްގެ އެ މުބާރާތުގައި ޖުމުލަ 64 ކުޅުންތެރިޔަކު ވާދަކުރެއެވެ. އެއީ ރާއްޖޭގެ 16 ކުޅުންތެރިޔަކާއި އެކި ގައުމުތަކުން 48 ކުޅުންތެރިއެކެވެ. އޭގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ހަތް ކުޅުންތެރިޔަކު ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ރާއްޖޭގެ ބައެއް ކުޅުންތެރިން ވަނީ މުބާރާތުގައި ފާހަގަކޮށްލެވުނު ބައެއް ވަރުގަދަ ކުޅުންތެރިންގެ އަތުން މުހިންމު މޮޅުތަކެއް ހޯދައިފައެވެ.

ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ވަރުގަދަ ކުޅުމަކާއެކު ރާއްޖޭގެ ހުސައިން ފަޔާޒާއި މުހައްމަދު ޝަރީފާއި އަހުމަދު ޝިހާދު އަދި އިސްމާއިލް ޖީހާން، އެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މޮޅެއް ހޯދައިފައެވެ. އޭގެ ތެރެއިން ފަޔާޒް ބަލިކުރީ ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީއެވެ.

އެ މުބާރާތުގައި މިއަދު ކުރިއަށްދާނީ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގެ މެޗުތަކެވެ. ކުއާޓާއަށް ދަތުރުކޮށްފައިވަނީ ޖަރުމަންގެ ޖޯޝުއާ ފިލާ އާއި ފިލިޕީންސްގެ ޔޯހާން ޗުއާ އާއި އެގައުމުގެ ކާލޯ ބިއާޑޯ އާއި ވިއެޓްނާމްގެ ލުއޮންގް ޑުކް ތިއެންގެ އިތުރުން ޓައިވާންގެ ތިން ކުޅުންތެރިން ކަމަށްވާ ޗޭންގް ޖުންގް ލިން އާއި ކޯ ޕިން ޔީ އާއި ކޯ ޕިންގް ޗުންގްއެވެ. އޭގެ ތެރެއިން ޖޯޝުއާ ފިލާ އާއި ކޯ ޕިން ޔީ އަކީ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ފާހަގަކޮށްލެވޭ ދެ ކުޅުންތެރިއެކެވެ.

މޯލްޑިވްސް އޯޕަން 2023 އަކީ ދުނިޔޭގެ ރޭންކިން މުބާރާތެކެވެ. މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ދުނިޔޭގެ ރޭންކިންގެ އިތުރުން އޭޝިއާގެ ރޭންކިންއަށް ވެސް ޕޮއިންޓު ލިބިގެންދާނެއެވެ.

comment ކޮމެންޓް