ފުލުހުންގެ ސަފުތައް ފަޅާލައި ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާގައި އިދިކޮޅު ހަތަރު މެމްބަރަކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އަށެވެ.
އެ މެމްބަރުންގެ ތެރެއިން އަސްލަމް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 5:00 އަށެވެ. އަދި ޝާހިދަށް މިރޭ 8:00 އަށް ހާޒިރުވާން އަންގާފައިވާއިރު، އިބްރާހީމް މުހައްމަދު ދީދީ ހާރިރުވާން ޗިޓް ފޮނުވާފައިވަނީ މާދަމާ ރޭ 8:00 އަށެވެ. އަލީ ހުސައިން ހާޒިރު ކުރަނީ މާދަމާ މެންރުފަހު 3:30 އަށެވެ.
އިދިކޮޅު މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކުރާއިރު، ފުލުހުންގެ ސަފު ފަޅާލައި މަޖިލީހުގެ އެތެރެއަށް ވަތް މައްސަލާގައި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ ސައުދު ހުސައިން ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން މީގެކުރިން މިދިޔަ ހަފްތާގައި ވެސް ވަނީ ބައެއް މަޖިލިސް މެމްބަރުން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެ މެމްބަރުންނަކީ ހިންނަވަރު ދާއިރަގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ.