ރާއްޖެއަށް ވައިގެ މަގުން 3.51 ކިލޯގެ ކެނަބިސް އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކުރުމުން، ދެ މީހުން ވެސް އެއާ ހަވާލުވާން ކްރިމިނަލް ކޯޓުގައި މިއަދު ދެކޮޅު ހަދައިފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކެއްގައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރާއްޖެ އައި ފުލައިޓަކުން ގެނައި ތިން ފޮށްޓެއްގެ ތެރޭ ފޮރުވައިގެން ސިއްރުން މަސްތުވާތަކެތި އެތެރެކުރި ކަމަށެވެ.
އެގޮތުން ޖުމުލަ 12 ވެކިއުމް ޕެކެޓު އެތެރެކުރި ކަމަށާއި އެ ޕެކެޓުތައް ފުރަތަމަ މަރުހަލާގައި ތަހުލީލުކުރުމުން ކެނަބިހަށް ފައްސިވެފައިވާ ކަމަށް ކޯޓު އަމުރުތަކުގައިވެއެވެ. އަދި ޕެކިންއާއެކު އެ ތަކެތީގެ ބަރުދަނުގައި ޖުމުލަ 3.51 ކިލޯގްރާމް އެބަހުރި ކަމަށް ކަސްޓަމްސްއާ ހަވާލާދީ ކޯޓު އަމުރުތަކުގައިވެއެވެ.
މި މައްސަލައިގައި ދެ ދިވެހި ފިރިހެނަކު ހައްޔަރުކުރިއެވެ. އެއީ އުމުރުން 45 އަހަރުގެ އިސްމާޢީލް ނަޞީރާއި އުމުރުން 28 އަހަރުގެ މުޙައްމަދު ޒިޔާދެވެ.
ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުތަކުގައި ވަނީ ފުލުހުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނުގައި ދެ މީހުން އެއް ސައިކަލުގައި އައިސް ތިން ފޮށީގެ ތެރެއިން އެއް ފޮށި ހިފައިގެން އިސްމާޢީލް ދިއުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށާއި، ޒިޔާދު ދުރުގައި ބަލަހައްޓައިގެން ހުރިކަން ފާހަގަކުރެވި އޭނާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެ މީހުންނާ ސުވާލުކުރުމުން، އޭގެ ތެރެއިން އިސްމާޢީލް ފުލުހުންނަށް ޒިޔާދު ދައްކައި، މަސްތުވާތަކެއްޗާ ހަވާލުވީ ޒިޔާދު ބުނެގެން ކަމަށާއި އެ ތަކެތި ހިފައިގެން ހެންވޭރު އަވަށުގެ ގެސްޓްހައުސެއްގައި ހުންނަ ކޮޓަރިއެއްގައި ބެހެއްޓުމުން ފައިސާ ދޭނެކަމަށް ބުނި ކަމަށް، އިސްމާޢީލްގެ ކޯޓު އަމުރުގައިވެއެވެ.
ހަމައެއާއެކު ޒިޔާދުގެ ކޯޓު އަމުރުގައިވާ ގޮތުން، ޒިޔާދު ލައިގެން ހުރި ޖީންސުގެ ޖީބުން ކޮޓަރީގެ ތަޅުދަނޑި ފެންނަން އެބައޮތް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ދެ މީހުން ވެސް ކެނަބިހަށް ފައްސިވެފައިވާ ކަމަށް، ކޯޓު އަމުރުތަކުގައިވެއެވެ.
ނަމަވެސް ކޯޓު އަމުރުތަކުގައިވާ ގޮތުން، އެ ތަކެއްޗާއި ދެ މީހުންނާ ގުޅުމެއްނުވާ ކަމަށް ދެ މީހުންގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ. އޭގެ ތެރެއިން ޒިޔާދުގެ ފަރާތުން ކޯޓުގައި ބުނީ، ފޮށިގަނޑުގައި ހުރީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށާއި އިސްމާޢީލް ސައިކަލުގައި ގެންގޮސްދިނީ އިސްމާޢީލް އެދުމުން ކަމަށެވެ.
ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.