ލިޔުމުން ނާންގަނީސް ފާރިސް މަޖިލީހަށް ހާޒިރުކުރެވޭކަށް ނެތް: ކަރެކްޝަންސް

ފާރިސް މައުމޫން ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ފާރިސް މައުމޫން މަޖިލީހަށް ހާޒިރުކޮށްދީފައި ނުވަނީ އެކަމަށް އެދި ލިޔުމަކުން އަންގާފައި ނުވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފި އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިއްޔެ ހެނދުނު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ފާރިސް އަށް މަޖިލީހަށް ހާޒިރުވުމަށް ފުރުސަތުދީ ޝަރީއަތް ފަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ގާޒީ ވަނީ ފާރިސް އަށް އެ ފުރުސަތު ދިނުމުގެ ގޮތުން ޝަރީއަތް އިއްޔެ ހަވީރަށް ފަސްކޮށްދެއްވާފަ އެވެ.

ނަމަވެސް ކަރެކްޝަންސް އިން ފާރިސް މަޖިލީހަށް ހާޒިރުކޮށްދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ފާރިސް ވަނީ އަނބުރައި މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުގްމާން މިއަދު 'ސަން' އަށް ވިދާޅުވީ، ފާރިސް މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ކަރެކްޝަންސް އަށް ލިޔުމެއް ފޮނުވާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްްވެސް ލިޔުމެއް ލިބިފައެއް ނެތް. އެހެންވީމަ އަޅުގަނޑުމެން ހާޒިރެއް ނުކުރާނެ،" ލުގުމާން ވިދާޅުވި އެވެ.

ލިޔުމަކުން އެންގުމުން ހާޒިރުކޮށްދޭނަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އަޅާނެ ފިޔަވަޅެއް އެނގޭނީ އެ ލިޔުމެއް ލިބުމުން ކަމަށެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް ނިންމާފަ އެވެ.

comment ކޮމެންޓް